ޑރ. މުހައްމަދު މުއިއްޒު

ކުޅިވަރުގައި މިއަދަކީ ތާރީހީ ދުވަހެއް: ރައީސް

ދިވެހިރާއްޖޭގެ ކުޅިވަރު ހަޔާތުގައި މިއަދު ހުޅުވިގެން މިދަނީ ވަރަށް މުހިއްމު ސަފްހާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިސަރުކާރުން ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް ހުށަހެޅި އިސްލާހުތައް މަޖިލީހުން ފާސްކޮށްދިނުމާ ގުޅިގެން އެ ބިލް ތަސްދީގު ކުރެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މާތްﷲގެ ވާގިފުޅާއެކު ކުޅިވަރުގެ ދާއިރާގައި މިއަދު އެޅިގެން މިދަނީ ވަރަށް މުހިއްމު ފިޔަވަޅެއް ކަމަށާއި މިއަދު ހުޅުވިގެން މިދަނީ ވަރަށް މުހިއްމު ސަފްހާއެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހާ އެކު ކުޅިވަރު ކުރިއެރުވުން ލާމަރުކަޒުވެ، ކުޅުންތެރީންނަށް ފުރުސަތު ފަހިވެ، ކޮންމެ ދާއިރާއަކުންވެސް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ކުޅިވަރު ކުރިއަރުވައި ތަރައްގީ ކުރުމުގައި މިއަދު އަޅުގަނޑުމެން ކުރިއަށް މި އަޅަނީ ތާރީހީ ފިޔަވަޅެއް ކަމުގައިވެސް ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ގާއިމުކުރެވޭ ގައުމީ ކުޅިވަރު ފަންޑުގެ އެހީގައި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ ހަރަދު ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ކުރެވިގެންދާނެ ކަމަށެވެ. އަދި އަލަށް ގެނެވުނު ބަދަލުތަކާ އެކު އުވޭ ކުޅިވަރު ކުންފުނީގެ މުވައްޒަފުންނަށް އެހެން ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

"މިއިސްލާހުތަކުގެ ސަބަބުން ދެފުށް ފެންނަ މިންވަރު އިތުރުކުރެވި، ހިންގުން ހަރުދަނާކުރެވި، ގުޑްގަވާނަންސްގެ އުސޫލުން ކަންކަން ކުރެވޭނެ ފިޔަވަޅުތަކެއް ފަހިވެ، ކަށަވަރުކުރެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ކުޅިވަރު ކުރިއެރުވުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދޭ މޮޅު ކުޅުންތެރީންނަށާއި އެތުލީޓުންނަށް، ގައުމީ ފެންވަރުގައި އަދި ބައިނަލްއަގްވާމީ ފެންވަރުގައި ކުރިއަށް ދިއުމާއި، ހުނަރު ތަރައްގީކުރުމުގެ ފުރުސަތު އިސްލާހުތަކާއެކު އަދަށް ވުރެ ފަހިވެގެންދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދު މި ތަސްދީގު ކުރި ބިލްގެ ސަބަބުން ކުޅިވަރުގެ ދާއިރާއަށް އަންނާނެ އެންމެ ހެޔޮ ބަދަލަކީ ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީވުން ކަމަށެވެ. މިއަދުން ފެށިގެން ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ގާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ ކުޅިވަރުގެ އިދާރާއަކަށް ވެގެން ދިއުމާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ކުޅިވަރުގެ މައިދާނުން ހަމަހަމަ ފުރުސަތުތަކެއް ލިބޭނެކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. ކުޅިވަރުގެ މައިދާނުގައި ޖިންސުގެ ތަފާތުކުރުންތައް ގެންގުޅެގެން ނުވާނެކަން ގާނޫނެއްގައި ލިޔެވިގެން ތަސްދީގު ކުރެވުނު މިއީ ފުރަތަމަ ފަހަރު ކަމަށްވެސް ރައީސް ވިދާޅުވި އެވެ.