މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅައިފި އެވެ.
މަސްވެރިންގެ ފަރާތުން މި ހުށަހެޅުން ހުށަހެޅީ ރައީސް އޮފީހުގައި ރައީސް މުއިއްޒު މިއަދު ކެއުޅުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މަސް ކިލޯއެއް 20 ރުފިޔާއަށް ގަތުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
މި ބައްދަލުކުރެއްވުމުގައި ކެއުޅުން ބުނީ އެ މީހުން މީގެ ކުރީގެ ބައްދަލުވުމުގައި ހުށަހެޅި ކަންކަން ބަލައިގަނެ އެކަންކަން ސަރުކާރުން ކޮށްދޭތީ ވަރަށް އުފާވާ ކަމަށެވެ. އަދި 48 ގަޑިއިރު ތެރޭގައި މަހުގެ އަގު، މަސްވެރިންނަށް ދޭން ފެށުމުން އެ ދާއިރާއަށް ކުރިއެރުން އައިސް، ޒުވާނުން އެ ދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުން އަންނަކަން ކެއުޅުން ފާހަގަކުރެއްވި އެވެ.
މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްދިނުމުގެ އިތުރުން މިފްކޯގެ ތެރެއިން ފަސޭހަކަމާއެކު މަސްވެރިންނަށް ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުށާއި، މަސްކިރުމުގައި ޑިޖިޓަލް ކައްޓާ ބޭނުންކުރާ ގޮތަށް ބަދަލުކޮށްދިނުމަށްވެސް މިބައްދަލުކުރެއްވުމުގައި ކެއުޅުން ހުށަހެޅި އެވެ. މީގެ އިތުރުން މަސް ކަނދުފަތި އިތުރުކޮށްދިނުމަށާއި، މަސްކިރާ ސަރަހައްދުތައް އިތުރުކޮށްދީ އަދި ކިރާ މަހަށް ދުވަހުން ދުވަހަށް އަގު ލިބޭނެ ގޮތް ހަދައިދިނުމަށްވެސް ކެއުޅުން ހުށަހެޅި އެވެ.
ކެއުޅުންގެ ހުށަހެޅުންތައް އަޑުއެއްސެވުމަށްފަހު ރައީސް ވަނީ އެމަނިކުފާނު ވައުދުވީ ގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް ބޮޑުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ދުވަހުން ދުވަހަށް މަހުގެ އަގު ދިނުމަށް މަސައްކަތްކުރައްވާ ކަމަށާއި، މަސްވެރިކަމުގެ މުޅި ސިނާއަތް ޑިޖިޓަލައިޒް ކުރުމަކީ އަމާޒެއް ކަމުގައިވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މަސްވެރިންނަށް ބޭންކުން ލޯން ދޫކުރަން ފަށާފައިވާކަން ފާހަގަކުރައްވައި އެކަން އިތުރަށް ފުރިހަމަކުރުމަށް މަސައްކަތްކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އަދި އައިސް ޕްލާންޓްތައް އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސް އެކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަގީންކަންވެސް ދެއްވި އެވެ. މިބައްދަލުވުމުގައި ފާހަގަކުރެއްވި ކަންކަންވެސް ހައްލުކުރުމަށް މަސްވެރިކަމުގެ ސިނާއަތުގައި އުޅުއްވާ ބޭފުޅުންނާއި ގާތުން މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.