ޖޭއެސްސީ

ނިޔާޒާއި ފަރުހާދުގެ ސުލޫކީ މައްސަލައެއް ބަލަނީ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުންގެ ގޮތުގައި ތިއްބެވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒާއި، ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީ އިން ބަލަން ފަށައިފި އެވެ.

ޖޭއެސްސީގެ ނައިބް ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ނިޔާޒު، ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނެވީ ހައިކޯޓް ތަމްސީލް ކުރައްވާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ. ފަރުހާދު، ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނެވީ ދަށުކޯޓުތައް ތަމްސީލް ކުރައްވާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.

ދެ ފަނޑިޔާރުންގެ މައްސަލަވެސް ޖޭއެސްސީއަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. ނިޔާޒުއާ ދެކޮޅަށް ދެ މައްސަލައެއް ހުށަހަޅާފައިވާއިރު ފަރުހާދާ ދެކޮޅަށް ހުށަހަޅާފައިވަނީ އެއް މައްސަލަ އެވެ.

ދެ ފަނޑިޔާރުންނާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ ތަކަކީ ޖޭއެސްސީ އިން ކުރިންވެސް ބަލައި ގޮތެއް ނިންމާފައިވާ މައްސަލަތަކެއް ކަމަށް އެނގިފައިވެ އެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާޒާއި ފަރުހާދުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައިވާތީ އެ މައްސަލަތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން ކޮމިޝަންގައި އޮންނަ މައްސަލަ ބެލުމާ މެދު ގޮތެއް ނިންމާ ކޮމިޓީން މިހާރު ވަނީ މަސައްކަތް ފަށާފަ އެވެ.

ފަނޑިޔާރު ނިޔާޒާއި ފަރުހާދަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން މިދިޔަ ހަފްތާގެ ތެރޭގައި ވަކިކުރެވުނު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލަ ޖޭއެސްސީ އިން ބަލައި އެ ދެ ފަނޑިޔާރުން ވަކިކުރަން ފެނޭތޯ ނެގުނު ވޯޓުގައި އެ ދެ ފަނޑިޔާރުން ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި ދެ ބޭފުޅުންނެވެ.