ޓްރީ ޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕް ހޮސްޕިޓަލަށް ޑޮކްޓަރުން ހޯދަން އިއުލާންކޮށްފި

ޓޫރިޒަމްގައި ވިޔަފާރީގައި މަޝްހޫރު ޗަމްޕާ އާއިލާގެ ބޮޑު ހިއްސާއެއް ވެގެން ހުޅުމާލޭގައި ހަދާ ޓްރީޓޮޕް ހޮސްޕިޓަލް އަށް ޑޮކްޓަރުން ހޯދަން އިއުލާންކޮށްފި އެވެ.

ޓްރީޓޮޕް އިންވެސްޓްމަންޓްސް އިން ބުނީ ޓްރީޓޮޕް ހޮސްޕިޓަލަށް އެމަޖަންސީ ރޫމް ޑޮކްޓަރަކާއި ރެޒިޑެންޓް ޑޮކްޓަރެއް ބޭނުންވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަން އެދޭ ފަރާތެއް، ސިއްހީ ދާއިރާއިން ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ތަޖުރިބާ ހުންނަން ވާނެ ކަމަށާއި މައްޝޫރު ޔުނިވާސިޓީއަކުން މެޑިކަލް ޑިގްރީއެއް އޮންނަން ޖެހޭ ކަމަށެވެ.

ތުރުކީގެ ތާމަކްސް ކުންފުނިން މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން އަޅަމުންދާ، ޓްރީޓޮޕް ހޮސްޕިޓަލް އިމާރާތްކޮށް ނިމޭ އިރު ރާއްޖޭގައި ހުރި އެންމެ ބޮޑު އަދި ޒަމާނީ ހޮސްޕިޓަލަށް ވާނެ އެވެ. އެ ހޮސްޕިޓަލަކީ 250 އެނދުގެ ޖާގައިގެ ހޮސްޕިޓަލެކެވެ. އަދި އެތަނުގެ އެންމެ ފަހުގެ އައިސީޔޫގެ ހިދުމަތާއި ޒަމާނީ ޓެސްޓްތަކާއި އޮޕަރޭޝަންތައް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޓްރީޓްޕް އިން ބުނީ ހޮސްޕިޓަލްގެ 50 ޕަސަންޓު ދަގަނޑުގެ މަސައްކަތް މިމަސް ތެރޭ ނިމިފައިވާ ކަމަށާއި ބައެއް ކޮންކްރީޓް މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. 350 މިލިއަން ރުފިޔާ ހަރަދުވާ މި މަޝްރޫއު ނިމޭއިރު އެ ހޮސްޕިޓަލް އަށް ދުރުން ފަރުވާ ހޯދަން އަންނަ ފަރާތްތަކަށް ތިބެވޭނެ ސިޓީ ހޮޓަލަކާއި އެމަޖެންސީ ޕަވަ ހައުސްއެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ.