ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓާ ޖެނެރަލްގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހާއްސަ އެވޯޑެއް ދެއްވައިފި އެވެ.
މި އެވޯޑަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް ޑަބްލިއުއެޗްއޯ އިން ކޮންމެ އަހަރަކުވެސް ދޭ އެވޯޑެކެވެ.
މި އަހަރު އެވޯޑް ލިބޭ އެހެން ބޭފުޅުންގެ ތެރޭގައި މޮރިޝަސްގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްނަސް ހިމެނެ އެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ދުންފަތާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް މިހާތަނަށް އަޅާފަ އެވެ. މީގެ ތެރޭގައި ރާއްޖޭގައި ވޭޕް ބުއިމާއި ވިއްކުން މަނާކުރުމާއި ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރުމާއި، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތް މަނާކުރުމަށް ވަނީ ނިންމައިފަ އެވެ.
ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކުން އެ ވިޔަފާރި ހުއްޓާލައި ފައިދާ ހުރި އެހެން މަސައްކަތެއް ކުރުމަށްވެސް ރައީސް އެދިވަޑައިގެންފައިވެ އެވެ.