އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ކެންސަރު ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ހިތާމަކުރައްވާ ކަމަށް އެ ގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޑޮނަލްޑް ޓްރަމްޕް އަކީ ބައިޑަންގެ ޖާނީ ދުޝްމަނެއް ކަހަލަ ސިޔާސީ ވާދަވެރި އެކެވެ. ބައިޑަން ވެރިކަމުގައި ހުންނެވިއިރު، އަދި ވެރިކަމުން ދުރުވެވަޑައިގެންނެވި ފަހުންވެސް ޓްރަމްޕް ވަނީ ބައިޑަންއަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެ ސިކުނޑިހަހަނުޖެހޭ މީހެއް ކަމަށް ވިދާޅުވެފަ އެވެ.
ބައިޑަންގެ ވެރިކަމުގައި އެމެރިކާއަށް ރަނގަޅު އެއްވެސް ކަމެއް ކޮށްދެއްވާފައި ނުވާ ކަމަށާއި، ގައުމު ހިންގަން ނެނގޭ މީހަކު ހުންގާނަށް ލުމުން މުޅި ދުނިޔޭގައި އެމެރިކާގެ ފަލީހަތްވެ ބާކީވެއްޖެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ނަމަވެސް، ބައިޑަންއަށް ކެންސަރުގެ އާލާސްކަންފުޅު ކުރިމަތިވެވަޑައިގަތްކަން އިއުލާންކުރުމާ ގުޅިގެން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ހިތްތިރިކުރައްވައި، ސިޔާސީ ގޮތުން ކުރިން ދެއްވި ހަމަލާތައް ހުއްޓާލައްވާފަ އެވެ.
އޭނާގެ މަގުބޫލު ސޯޝަލް ނެޓްވޯލް ޓުރުތު ސޯޝަލްގައި މެސެޖްކުރައްވައި ޓްރަމްޕް ވިދާޅުވީ ބައިޑަންގެ ސިއްހީ ހާލަތު އެނގިޑައިގެން އަސަރުކުރައްވައިފި ކަމަށާއި ހިތަށް ތަދުވެއްޖެ ކަމަށެވެ.
ބައިޑަންއަށް އަވަސް އަދި ކާމިޔާބު ފަރުވާއެއް ލިބުމަށް ޓްރަމްޕްގެ ދެމަފިންނާއި އާއިލާ އެދިވަޑައިގަންނަވާ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ބައިޑަންގެ ސިއްހީ ފަރުވާ ކުރިއަށްދާ ގޮތް ބައްލަވާނެ ކަމަށާއި، އުންމީދަކީ ބަލިން މިންޖުވުން ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޖޯ ބައިޑަން އަށް ޖެހިފައި ވަނީ ޕްރޮސްޓޭޓް ކެންސަރު ކަމަށް އޭނާގެ މެޑިކަލް ޓީމުންނާއި އާއިލާއިން ވަނީ އިއުލާންކޮށްފަ އެވެ. ކެންސަރުގެ މި ވައްތަރަކީ ފަރުވާކުރެވޭ އަދި ސަލާމަތްވެވޭ ވައްތަރެއް ކަމަށްވެސް އިއުލާންގައި ބުނެފައިވެ އެވެ.