ލޯކަލް ކައުންސިލްތަކުގެ އުމުރު ހަމަވާން ގާތްވެފައި ވަނިކޮށް ބައި-އިލެކްޝަންތައް ގިނަގިނައިން ބާއްވަންނުޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ލާމަރުކަޒީ ގާނޫނަށް 15 ވަނަ އިސްލާހު ގެނައުމުގެ ބިލްގެ ގޮތުގައި މި ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާ އެވެ.
މަޖިލީހުގެ މިދައުރުގެ ފަހު ޖަލްސާގައި މިމަހުގެ 15 ވަނަ ދުވަހު މި ބިލް ފާސްކުރުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ހުޅުވާލުމުން ބިލް ފާސްވީ ވެރިކަން ކުރީ ޕީއެންސީގެ 53 މެންބަރުންގެ ވޯޓުންނެވެ.
ބިލްގެ ބަހުސްގައި ބިލާ ދެކޮޅަށް ވާހަކަދެއްކެވި އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވީވެސް ބިލް ފާސްކުރުމާ ދެކޮޅަށެވެ.
މި ބިލް ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ލޯކަލް ކައުންސިލްތަކުގެ އުމުރުގެ ތެރޭގައި ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުން ދިޔުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި-އިލެކްޝަންތައް ބާއްވަންޖެހޭތީ އާއި އޭގެ ސަބަބުން އެކަމަށް ކުރަންޖެހޭ ހަރަދުތައް އިތުރުވަމުންދާތީ ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ އުމުރު ހަމަވާން ގާތްވެފައި ވަނިކޮށް ބައި-އިލެކްޝަންތައް ގިނަގިނައިން ބާއްވަންނުޖެހޭ ގޮތަށް ހަމަޖެއްސުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެ އެވެ.
ގާނޫނުގައި މިހާރު އޮތް ގޮތުން އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމާއި، ރަށު ކައުންސިލުގެ މެންބަރުންނާއި، ސިޓީ ކައުންސިލުގެ މެންބަރުންގެ ގޮނޑި ހުސްވުމުން ބައި-އިލެކްޝަން ބޭއްވުމުގައި އެ މަގާމެއް ހުސްވާތާ 14 ދުވަހުގެ ތެރޭގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އެކަން އަންގަވައި، އަދި މި އެންގުން އަންގާތާ ލަސްވެގެން 183 ދުވަހުގެ ތެރޭގައި، ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރަންވާނެ ކަމަށް ކަނޑައަޅާފައިވެ އެވެ. އެހެން ނަމަވެސް އެ މަގާމުތައް ހުސްވިއިރު އެ ކައުންސިލުގެ އުމުރުގެ ބާކީ އޮތީ، 365 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ، އެ ހުސްވި މަގާމަކަށް މެންބަރަކު އިންތިހާބުކުރުން ލާޒިމުނޫންކަމުގައި ބަޔާންކޮށްފައިވެ އެވެ.
ގާނޫނަށް އަލަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ އަތޮޅު ކައުންސިލުގެ ރައީސްގެ މަގާމާއި، ރަށު ކައުންސިލުގެ މެންބަރުންނާއި، ސިޓީ ކައުންސިލުގެ މެންބަރުންގެ ގޮނޑި ހުސްވިއިރު އެ ކައުންސިލްގެ އުމުރުގެ ބާކީ އޮތީ 548 ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއްނަމަ އެ ހުސްވި މަގާމަށް މެންބަރަކު އިންތިހާބުކުރުމަށް ބައި-އިލެކްޝަން ބޭއްވޭނީ ކައުންސިލްގެ ބައްދަލުވުމެއް ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ މިންވަރަށް މެންބަރުން ނެތްނަމަ އެވެ.