ގަލްފް ސަރަހައްދަށް އަމާންކަމާއި ހަމަޖެހުން އޮތީ، އީރާން - އެމެރިކާ މަޝްވަރާތަކުގައި ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޗީ ވިދާޅުވެއްޖެ އެވެ.
އޮމާން މެދުވެރިކޮށް އެމެރިކާއާ އިރާންއާ ދެމެދު ކުރެވޭ މަޝްވަރާތައް ފަސްވަނަ ފިޔަވައްސާ ހަމައަށް ދިޔައިރުވެސް، އެމެރިކާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް އަދި ނުނިވެ އެވެ.
އީރާން ބުނާ ގޮތުން އެ ގައުމުގެ ނިއުކްލިއާ މަޝްރޫއު ހުއްޓާލަން މަޖުބޫރުވާ ގޮތަށް އެމެރިކާއާ އެކު އެއްބަސްވުމެއް ނުހަދާނެ އެވެ. އެކަމަކު، އެމެރިކާގެ ވިސްނުމުގައި އޮތީ އީރާންގެ ކިބައިން ނިއުކްލިއާ ގާބިލުކަން މުޅިން ނިގުޅައިލުމެވެ.
އައްބާސް ވިދާޅުވި ގޮތުން އީރާން އޮތީ މަޝްވަރާތަކާއިގެން ކުރިއަށް ދާ ގޮތަށެވެ. އެމެރިކާއާ އެކު އެއްބަސްވެވޭ ވަރަކަށް ނިއުކްލިއާ ގާބިލުކަން އީރާންގައި އޮންނަ ގޮތަށް އެއްބަސްވުންތަކެއް ހެދިދާނެ ކަމަށް އީރާންގެ ޚާޜިޖީ ވަޒީރު ވިދާޅުވި އެވެ.
އީރާންގެ ނިއުކްލިއާ މަޝްރޫއު ދެން އެނބުރި ސުމަކަށް ނުދާނެ ކަމަށް އައްބާސް ވިދާޅުވި އެވެ. ނަމަވެސް، އެމެރިކާއަށް ވަރަށް ގިނަ ކަންކަމުގައި ލުއިދޭން ތައްޔާރު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އައްބާސް ވިދާޅުވި ގޮތުން އެމެރިކާއާ އެކު މިހާރު މަޝްވަރާކުރަނީ، ބައިނަލްއަގްވާމީ މައިދާނުގައި އީރާނަށް ޝަރަފު ހޯއްދެވުމަށެވެ. ތަރައްގީއާ ކުރިއެރުން ދޫކޮށްނުލައި، އަދި މަދަނީ ބޭނުންތަކަށް ނިއުކްލިއާ ވެސް ދޫކޮށްނުލައި ވާހަކަތައް ކުރިއަށް ގެންދެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިރާންއާ އެކު ކުރާ މަޝްވަރާތަކުގައި، އެމެރިކާ ތެދުވެރިވާން ޖެހޭނެ ކަމަށްވެސް އައްބާސް ވިދާޅުވި އެވެ. ދެއިރު ދެ ގޮތަކަށް ވާހަކަދައްކައި، ދުވަސް ނިމޭއިރު އީރާނަށް ދަތިކުރުމުން މަޝްވަރާތައް ކޮޅެއްގައި ނުޖެހޭނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
އައްބާސް ވިދާޅުވީ އީރާނަށް ބިރުދައްކައި ބުލީކުރާ ނަމަ މަޝްވަރާތަކުން ކޮންމެ ވަގުތެއްގައި ވެސް ބޭރުވެދާނެ ކަމަށެވެ އެކަމަކު، އެއީ ދުނިޔެއަށް އަދި ގަލްފަށް ވެސް އެންމެ ރަނގަޅު ގޮތަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.