ދުނިޔެ

ރަޝިއާ، ޔުކްރޭންއާ ދެމެދު އަސްކަރީ ހަރަކާތްތައް ހުއްޓާލަން ޖެހޭ: ޕޫޓިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ދެ ގަޑީއިރު ވަންދެން ފޯނުން މަޝްވަރާކުރައްވައިފި އެވެ. ދެ ރައީސުންގެ ވާހަކަތަކުގެ މައިގަނޑު މައުލޫ އަކީ ޔުކްރޭން އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ޕޫޓިންއާ ޓްރަމްޕް ކުރެއްވި މަޝްވަރާތަކުގައި، އަސްކަރީ ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށް ޕޫޓިން ވިދާޅުވި އެވެ. ކޮންމެވެސް އެހެން ސަބަބަކާ ހެދި އަސްކަރީ ހަމަލާތައް މި ވަގުތަށް ހުއްޓާލަން ދަތި ނަމަވެސް، ހަމަލާތައް ކުރިއަށްދާހާ ހިނދަކު ހަނގުރާމަ ނުހުއްޓޭނެ ކަމަށްވެސް ޕޫޓިން އިއުތިރާފުވެވަޑައިގެންނެވި އެވެ.

ރަޝިއާ، ޔުކްރޭން މަޝްވަރާ މޭޒުދޮށަށް ގެންދިއުމަށް ޓްރަމްޕް ކުރައްވާ މަސައްކަތްތަކަށް ޕޫޓިން ޝުކުރު އަދާކުރެއްވި އެވެ. އަދި މަޝްވަރާ މޭޒުދޮށުން ނޫން ގޮތަކަށް ހަމަލާތައް ނުހުއްޓުވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔުކްރޭންގެ ވިސްނުން މިހާރު އޮތް ގޮތުން ހަމަލާތައް ހުއްޓާލަން ދަތި ކަމަށް ޕޫޓިން ވިދާޅުވި އެވެ. ޔުކްރޭންގެ ރައީސް ޒެލެންސްކީއަށް ހެޔޮ ވިސްނިވަޑައިގަތް ދުވަހަކުން ނޫނީ ހަންގުރާމަ ނުހުއްޓޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޔުކްރޭން އަތުން ގެއްލިގެން ދިޔަ އެއްޗެއް ގެއްލުނީ ކަމަށް ގަބޫލުކުރަން މަޖުބޫރު ހާލަތު އަތުވެއްޖެ ކަމަށް ޕޫޓިން ވިދާޅުވި އެވެ. މި ހާލަތުގައި ވެސް ޔުކްރޭނަށް މުހިންމު ވާނީ ހަނގުރާމަ ހުއްޓާލުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ތުރުކީގައި ވެސް ވަނީ މަޝްވަރާތަކެއް ކޮށްފަ އެވެ. އަދި ސައޫދީ އަރަބިއްޔާގައި ވެސް ވަނީ މަޝްވަރާތަކެއް ބާއްވާފަ އެވެ.

ނަމަވެސް، ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ރަޝިއާ އަދި ޔުކްރޭނުން ހުށަހެޅި ހުށަހެޅުންތަކަށް އިތުރު ކުރިއެރުމެއް އަދި ނުލިބެ އެވެ.