ހދ. ކުޅުދުއްފުށީގެ ސަރަހައްދީ ބަނދަރު ބޮޑުކުރަން ނިންމައި އެ މަޝްރޫއު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ މިއަދު ހަވާލުކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މިމަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ރިޝްވާން އެވެ.
ސަރުކާރުން ބުނީ މިމަޝްރޫއަކީ އަތޮޅުގެ ތެރޭގެ ވަކިން ހާއްސަކޮށް އުތުރުގެ ރަށްތަކުގެ ވިޔަފާރި ކުރިއަރުވަން ގެންގުޅޭ ތަސައްވުރުގައި ހިމެނޭ މަޝްރޫއެއް ކަމަށެވެ. އެގޮތުން މިމަޝްރޫއުގެ ތެރެއިން ހއ. ހދ. ށ. ނ އަތޮޅުގެ ރަށްތަކަށް ހިދުމަތް ދެވޭ ގޮތަށް ކުޅުދުއްފުށީގައި ހާއްސަ ލޮޖިސްޓިކަލް ހަބެއް ތަރައްގީކުރާނެ އެވެ.
މިމަޝްރޫއު ނިމުމުން ކުޅުދުއްފުށީގެ ސަރަހައްދީ ބަނދަރުގެ ކެޕޭސިޓީ އިތުރު ކުރެވި، ކާގޯ ހެންޑްލިން ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވި، އަވަހަށް ހަލާކުވާ މުދަލުގެ ބާވަތްތައް ރައްކާތެރިކަމާ އެކު ބެހެއްޓޭނެ ގޮތްތައް ހަމަޖެހިގެންދާނެ އެވެ.
ސަރުކާރުން ބުނީ އަމާޒަކީ ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޝެޑިއުލެއްގެ ތެރެއިން މުދާ އުފުލޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީ އެކަމުގައި ކުރަންޖެހޭ ހޭދަ ކުޑަކޮށް، ލިބޭ މަންފާ އިތުރުކޮށްދިނުން ކަމަށެވެ.