މ. އަތޮޅުގައި ތަރައްގީކުރި ފުރަތަމަ އެއާޕޯޓް -- މ. މުލި އެއާޕޯޓް ރަސްމީކޮށް ހުޅުވައިފި އެވެ.
މުލި އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވީ މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
އެ އެއާޕޯޓް ރަސްމީކޮށް ހުޅުވާފައިވާއިރު މިދިޔަ އެޕްރީލް މަހު އެ އެއާޕޯޓަށް ވަނީ ޓެސްޓް ފްލައިޓް ޖައްސާފަ އެވެ.
މުލި އެއާޕޯޓް ހިންގަނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން އިންނެވެ. އަދި މި އެއާޕޯޓަށް ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށް ރާޢްޖޭގެ އެތެރޭގެ ވައިގެ ދަތުރުތައްކުރާ އެއާލައިންތަކަށް ރީޖަނަލް އެއާޕޯޓްސް އިން ފުރުސަތު ހުޅުވާލި އެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓްގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ.
މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެ އެވެ.
މި މަޝްރޫއަށް ދިވެހި ދައުލަތުގެ ބަޖެޓުން 221.7 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.