އިޒްރޭލް

ހުޅަނގުގެ ބޮޑު ތިން ގައުމަކުން އިޒްރޭލަށް ހަރުކަށި އިންޒާރެއް

ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ވަގުތުން ހުއްޓާލައި، އިންސާނީ އެހީއަށް މަގުފަހިކޮށްދިނުމަށް އިނގިރޭސިވިލާތް، ފްރާންސް އަދި ކެނެޑާއިން އިޒުރޭލަށް ގޮވާލައިފި އެވެ.

މި ތިން ގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ އިސްރާއީލުން އެ ގައުމުތަކުގެ ގޮވާލުމަށް އިޖާބަ ނުދީފިނަމަ، ޑިޕްލޮމެޓިކް އަދި އިގްތިސާދީ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ބަޔާނުގައިވާ ގޮތުން ޣައްޒާގެ މިހާރުގެ ހާލަތަކީ "ބަލައިގަނެވޭނެ ހާލަތެއް" ނޫނެވެ.

"އިސްރާއީލްގެ ސިފައިން ޣައްޒާގައި ހިންގަމުންދާ އަމަލުތަކަކީ ނުރައްކާތެރި އަދި ހަރުކަށި އަމަލުތަކެއް. އަހަރެމެން ގޮވާލަނީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ރައްޔިތުންގެ ފުރާނަ ރައްކާތެރިކުރުމަށް," ބަޔާނުގައިވެ އެވެ.

ޣައްޒާގެ ރަފާ ސަރަހައްދަށް އަމާޒުކޮށް އިޒުރޭލުން އެންމެ ފަހުން ދޭން ފެށި ހަމަލާތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން މަރުވެފައިވުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅިފައިވާތީ ކެނަޑާ، އިނގިރޭސިވިލާތް އަދި ފްރާންސުން ހަރުކަށި ބަޔާނެއް ނެރެފައި މިވަނީ އިޒުރޭލާ ދެކޮޅަށް ގައުމުތަކުގެ ރައްޔިތުން ކެކެމުންދާ ވަގުތެއްގައެވެ.

މި ބަޔާނުގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިޒުރޭލުން ތަންތަން ހިފައި ޔަހޫދީ އާބާދީ އިތުރުކުރަމުންދާތީ އެކަން ބަލައިނުގަންނާނެ ކަމަށްވެސް ބުނެފައިވެ އެވެ.

"މިހާރުން މިހާރަށް ހަމަލާތައް ހުއްޓާނުލައިފިނަމަ، އިތުރު ފިޔަވަޅުތަކެއް އަޅަން ފަސް ނުޖެހޭނަމެވެ," އިޒުރޭލަށް އިންޒާރުދީ ބުނެފައިވެ އެވެ.

މި އިންޒާރަކީ އިޒުރޭލާއި މި ތިން ގައުމާ ދެމެދު އޮތް ގުޅުމަށް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމެއް ކަމަށް ސިޔާސީ ދާއިރާގެ މާހިރުން ބުނެ އެވެ.