އެމްއެމްއޭ

ބޭންކްތަކަށް މާރުކުރާ ޑޮލަރުގެ ބޮޑު ބައެއް އެމްއެމްއޭއަށް ނަގަނީ

ބޭންކްތަކަށް މާރުކުރާ ޑޮލަރުގެ 90 ޕަސަންޓް މަރުކަޒީ ބޭންކް -- އެމްއެމްއޭއަށް ނަގާ ގޮތަށް ހަމަޖައްސައިފި އެވެ.

އެމްއެމްއޭ އިން މިހާރު ވަނީ ބޭންކްތައް އެ އެންގުން އަންގާފަ އެވެ.

މިފަދަ ފިޔަވަޅެއް އެޅީ އަންނަ އަހަރަކީ ދިވެހި ދައުލަތުން ދަރަނީގެ ގޮތުގައި ބޭރު ފައިސާ އިން ބޮޑު އަދަދެއް ދައްކަންޖެހޭ އަހަރަކަށްވާތީ އެކަމަށް ތައްޔާރުވުމަށާއި ދަރަނި ދެއްކުން ފަސޭހަ ކުރުމަށްޓަކައި ކަމަށް އެމްއެމްއޭގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.

އެމްއެމްއޭގެ ގާނޫނުގައި ބުނާ ގޮތުން ބޭންކްތަކަށް މާރުކުރާ ބޭރު ފައިސާގެ ވަކި އިންސައްތައެއް އެ ބޭންކަށް ވިއްކަންޖެހެ އެވެ. ނަމަވެސް ވިއްކަންޖެހޭ ވަކި އިންސައްތަ ގާނޫނުގައި ކަނޑައަޅާފައެއް ނުވެ އެވެ. އެކަމަކު އެ އިންސައްތަ ކަނޑައެޅުމުގެ ބާރު މަރުކަޒީ ބޭންކަށް ދީފައިވެ އެވެ.

ޓޫރިސްޓް ރިސޯޓުތަކާއި ގެސްޓުހައުސް ފަދަ ތަންތަނުން ބޭންކުތަކަށް ބޭރު ފައިސާ މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ގެޒެޓް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހު އެވެ. އެ އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ މި އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ.

މި ގާނޫނުގެ ދަށުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު ނުވަތަ މަހެއްގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ޖެހޭއިރު "ކެޓެގަރީ ބީ" ގައި ހިމެނޭ ސަފާރީތަކާއި ގެސްޓުހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ 20 ޕަސެންޓް މާރުކުރަން ޖެހެ އެވެ.

ޓޫރިޒަމް ނޫން ވިޔަފާރިތަކުގެ ތެރެއިން އަހަރަކު 15 މިލިއަން ޑޮލަރަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކަށް އެކަނި މި ގާނޫނު ހިނގާނެ އެވެ.

ރާއްޖެއިން މިއަހަރު ދަރަނި ދައްކަން އެއް ބިލިއަން ޑޮލަރު ނުވަތަ 15.42 ބިލިއަން ރުފިޔާ ހޭދަކުރަންޖެހެ އެވެ. މީގެތެރޭގައި ރާއްޖޭގެ ރިޒާވް ހަމައަކަށް އެޅުވުމަށް އިންޑިއާ ސަރުކާރުން ހަމަޖައްސައިދިން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ވެސް ހިމެނެ އެވެ. ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ކަރަންސީ ސްވޮޕް މިދިޔަ އޮކްޓޫބަރު 22 ވަނަ ދުވަހު ނެގީ ހަމަސް ދުވަހުގެ ތެރޭގައި ދައްކާ ގޮތަށެވެ. ނަމަވެސް އެ މުއްދަތު މިއަހަރުގެ ޖުލައިއަށް އިތުރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ދިވެހި ދައުލަތުން އަންނަ އަހަރު ދަރަނި އަދާކުރުމަށް 1.1 ބިލިއަން ޑޮލަރު ނުވަތަ 17 ބިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. މީގެތެރޭގައި ސުކޫކު ޕޭމަންޓްގެ ގޮތުގައި 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ އާއި ޕްރައިވެޓް ބޮންޑް ޕްލޭސްމެންޓެއްގެ ގޮތުގައި އިޝޫކޮށްފައިވާ 100 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާ އެއްފަހަރާ ދެއްކުންވެސް ހިމެނެ އެވެ.