ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ ގާނޫނާއި ގަވައިދާ ހިލާފަށް ބޭނުންކުރި މައްސަލައިގައި ކުރިން ޖޫރިމަނާކޮށްފައިވާ ވަކީލު ޒުންނަވާރު ސަލީމް އަދި އޭނާގެ އަންހެނުން މެހެނާޒް ހުސައިން، މައްސަލައެއްގައި ހިމެނޭ މީހަކަށް ބޮޑު ލަނޑެއް ދިން ކަމަށް ތުހުމަތު ކުރެވިއްޖެ އެވެ.
މައްސަލައެއްގައި ހިމެނޭ މީހަކަށް ދެ ވަކީލުން ލަނޑުދިންކަން އެނގުނީ އެ މައްސަލައިގެ އިސްތިއުނާފު އަޑު އެހުމުގައި ހައިކޯޓުގައި އޮތް ޝަރީއަތުގެ ތެރެއިންނެވެ.
ލ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އެ އަންހެން މީހާ ހައިކޯޓުގައި އޮތް ޝަރީއަތުގައި ވަނީ އެ ވާހަކަތައް ކިޔައިދީފަ އެވެ.
"މިކަމުގައި އަޅުގަނޑު ވަރަށް ގިނަ ލާރިވެސް ހަރަދު ކޮށްފިން. އެއްލައްކައަށްވުރެ ގިނަ ރުފިޔާ އަޅުގަނޑު އަތުން ހިނގައްޖެ މިކަމުގައި. އަޅުގަނޑަކީ ނިކަމެތި ފަގީރެއް. ކޮންމެ ފަހަރަކު ވަކީލެއް ނުނެގޭނެ. އަޅުގަނޑު ވަރަށް ބައިވަރު ހަރަދުކޮށްގެން ދެ މީހުން ނެގީ. އޭނާ އަހަރުމެންނަށް ދޯކާ ދިނީ. އޭނާ ބުނީ ހައިކޯޓަށް ވަދެ އިސްތިއުނާފްކޮށްފައި އޮންނާނެ ކަމަށް. އެކަމަކު ހައިކޯޓަށް ނުވަންނަކަން މި އެނގުނީ. ލައްކަ ލާރި އަހަރުމެން އަތުން ކައިފި އެސޮރު، ވަކީލު. އަހަރުމެން ނެގީ ޒުންނަވާރު ސަލީމްއާ އެ ސޮރު އަންހެނުން،" ޝަރީއަތުގައި މިއަދު އެ އަންހެން މީހާ ކިޔައިދިނެވެ.
އަންހެން މީހާގެ ވާހަކައިގައި ފާހަގަކުރި ވަކީލު ޒުންނަވާރު އަދި އޭނާގެ އަންހެނުންނަކީ މީގެ ކުރިން، ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ ގާނޫނާއި ގަވައިދާ ހިލާފަށް ބޭނުންކުރުމުގެ ސަބަބުން ބާ ކައުންސިލުން ޖޫރިމަނާވެސް ކޮށްފައިވާ މީހެކެވެ.
ކުރީގެ ރެކޯޑްތަކުން އެނގޭ ގޮތުގައި ގއ. ދާންދޫ، ބީޗްވިލާ، މެހެނާޒް ހުސައިނާއި، އޭނާގެ ފިރިމީހާ މ. ނައިންހައުސް، އަލްއުސްތާޒު ޒުންނަވާރު ސަލީމް ޖޫރިމަނާކޮށްފައިވަނީ ކޮންމެ މީހަކުވެސް 50،000 ރުފިޔާ އިންނެވެ.
މެހެނާޒް ޖޫރިމަނާކުރީ ބާ ކައުންސިލުން އޭނާއަށް ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ، ޒުންނަވާރު ބޭނުންކުރަން ދީފައިވާތީ އެވެ. ޒުންނަވާރަކީ ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ ބޭނުންކުރުމުގެ ހުއްދަ އޭރު އޮތް ގާނޫނީ ވަކީލެއް ނޫނެވެ. ނަމަވެސް މިހާރު ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ އޭނާ އަތުގައި އޮންނަ ކަމަށްވެ އެވެ.
ގާނޫނާއި ގަވައިދާ އަދި އުސޫލާ ހިލާފަށް އަމަލުކޮށްފައިވާތީ މެހެނާޒާއި ޒުންނަވާރު 50،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާ އެކު މެހެނާޒަށް ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ހިފެހެއްޓުމަށްވެސް ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީން އޭރު ނިންމި އެވެ.