މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިން 777ގެ މަތިންދާބޯޓެއް މިއަދު ޖައްސައިފި އެވެ.
މިއީ މާފަރު އެއާޕޯޓްގައި ބޮއިން 777ގެ މަތިންދާބޯޓެއް ޖެއްސި ފުރަތަމަ ދުވަސް ކަމަށްވާތީ މިއީ މާފަރަށްވެސް ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށްވެސް ތާރީހީ ދުވަހެކެވެ.
މާފަރަށް ވައިޑްބޮޑީ މަތިންދާ ބޯޓެއް ޖައްސާފައި މިވަނީ ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭ ގޮތަށް އެއާޕޯޓްގެ ރަންވޭ ބޮޑުކޮށް ބައެއް ބަދަލުތައް ގެނެސްފައިވާތީ އެ ބަދަލުތައް ބަލައި ވަޒަންކުރުމުގެ ގޮތުން ކުރިއަށް ގެންދާ ސެޓިފިކޭޝަން ޕްރޮސެސްގެ ތެރެއިންނެވެ.
ޕްރައިވެޓް ޖެޓްތަކަށް އިސްކަންދީގެން މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައި ޓެސްޓް ފްލައިޓް ޖެއްސީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޮގަސްޓް 14، 2018 ގައެވެ. މިއެއާޕޯޓް ރަސްމީކޮށް ބޭނުންކުރަން ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ސެމްބަރު 1، 2019 ގަ އެވެ.
އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްގެ ދަށުން މާފަރުގައި އެއާޕޯޓް އަޅަން ފެށީވެސް އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ގޮތަށެވެ. އެގޮތުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވީވެސް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭ އަކާ އެކު އެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ މަސައްކަތް ނިންމާލިއިރު ރަންވޭ ވަނީ 2.8 ކިލޯމީޓަރަށް ބޮޑުކޮށްފަ އެވެ. އެއީ ބޮއިން 777 އަދި އެއާބަސް އޭ-380 މަރުކާގެ އެންމެ ބޮޑެތި މަތިންދާބޯޓަށް އެއްވެސް ދައްޗެއް ކުރިމަތި ނުވެ ޖެއްސޭ ވަރަށެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގައި ހެދި ހަތަރު ވަނަ އިންޓަނޭޝަނަލް އެއާޕޯޓެވެ. މިހާރު އިންޓަނޭޝަނަލް އެއާޕޯޓުގެ ގޮތުގައި ރާއްޖޭގައި ހިންގަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓް އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓެވެ.