ސިއްހީ ވަސީލަތްތައް ހަރުދަނާކުރުމަށް ތައިލެންޑާ އެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި މިއަދު ސޮއި ކުރީ ސްވިޒަލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ 78 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ހަވާސާގެ ތެރެއިންނެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ. ތައިލެންޑް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓާ އޮފް ހެލްތު ޑޭޝް-އިސް ކައުތޯން އެވެ.
ރާއްޖޭގައި ދެމުންދާ ޕްރައިމަރީ ހެލްތުކެއާގެ ހިދުމަތްތައް ހަރުދަނާކުރުމަށާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ރެގިއުލޭޓަރީ ހިދުމަތް ހަރުދަނާ ކުރުމަށާއި، ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ހަރުދަނާކުރުމަށާއި، ހެލްތު ޕޮލިސީ، ހެލްތު ސިސްޓަމް ރިސާޗް އަދި ހެލްތު އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ ހަރުދަނާކުރުމަށް މި އެއްބަސްވުމުގެ ދަށުން އެހީތެރިކަން ލިބޭނެ އެވެ.
މީގެއިތުރުން ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ބޭނުންވާ އިނޮވޭޓިވް ސަސްޓެއިނަބަލް ފައިނޭންސިންއަށް ތައިލޭންޑުގެ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް ރާއްޖޭގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.
މިރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި މިހާރު ކުރިއަށްދާ ޕާޓްނަޝިޕްގައި ފާހަގަކުރެވޭ މުހިއްމު ކާމިޔާބީއެއް ކަމަށެވެ.