ލިވަޕޫލް

ކުޅިވަރުގެ ފުރުސަތުތައް އިތުރުކުރަން ލިވަޕޫލްއާއެކު މަޝްވަރާކޮށްފި

ރާއްޖޭގެ އެތުލީޓުންނަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތުތައް އިތުރުކުރުމަށް ލިވަޕޫލް އެފްސީއާ އެކު މަޝްވަރާތަކެއް ބާއްވައިފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ރާއްޖެއަށް މިހާރު ޒިޔާރަތް ކޮށްގެން އުޅޭ ލިވަޕޫލް އެފްސީގެ އިސްވެރިންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އޮފިޝަލުންނާއި އެމްއެމްޕީއާރްސީގެ އިސްވެރިންގެ މެދުގައެވެ.

ބައްދަލުވުމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި ސެކެޓްރީ ޖެނެރަލް ތަމޫހު އަހްމަދު ސައީދު ބައިވެރިވި އެވެ. އެމްއެމްޕީއާރުސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝިއުރީއާއި ޗެއާމަން އަބްދުﷲ ގިޔާސް ބައިވެރިވި އެވެ.

ރާއްޖެއަކީ ލިވަޕޫލްގެ "އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު"ގެ ގޮތުގައި ހަމަޖައްސާފައިވާއިރު މި ކެމްޕޭން ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމަށް ކުރެއްވި ޒިޔާރަތާ އެކު އެވެ.

ރާއްޖޭގައި ލިވަޕޫލްގެ އެކަޑަމީއެއް ގާއިމުކޮށް، ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމާއި، ޑެސްޓިނޭޝަން ބްރޭޑިން އިތުރުކުރުން ފަދަ ހަރަކާތްތައްވެސް މި ކެމްޕޭންގެ ދަށުން ކުރިއަށް ގެންދާނެ ކަމަށް އެމްއެމްޕީއާރްސީ އިން މައުލޫމާތު ދެއެވެ.