ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް ކައިރީގައި ހިންގި މާރާމާރީއަކާ ގުޅިގެން ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފި އެވެ.
މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭ 11:30 ހާއިރު ހައްޔަރުކޮށްފައިވަނީ މއ. ޝެލްޓާ، މުހައްމަދު ރައިހާން ހުސައިން (18 އ) އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަހުގީގާއި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ 11:50 ހާއިރު ހިންގި މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވެ އެވެ. އެގޮތުން އެކެއްގެ ބޯފަޅައިގެން ގޮސްފައިވާއިރު ދެވަނަ ބުރަކަށި އެކި ތަންތަނުން ދުޅަވެ ދެ އަތުގެ އުޅަބޮށި މަށައިގެން ގޮސްފައިވެ އެވެ.
އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އެ މީހުން ހޮސްޕިޓަލުން ދޫކޮށްލި ކަމެއް އެނގިފައެއް ނުވެ އެވެ.
ފުލުހުން ބުނީ މާރާމާރީ ހިންގި މީހުން ދެ ފޯނުވެސް ފޭރިގެންފައިވާ ކަމަށެވެ.
މިމައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.