ޑރ. މުހައްމަދު މުއިއްޒު

ދުންފަތުގެ މައްސަލަ ހައްލުކުރަން އެއްވެސް ސަރުކާރަކުން ނުކުރާ މަސައްކަތް ކުރާނަން: ރައީސް

އެމަނިކުފާނަށް މުހިއްމީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހަގީގީ ހައްލު ހޯދުން ކަމަށްވާތީ ދުންފަތުގެ މައްސަލަ ހައްލުކުރަން އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް ހުށަހެޅި ޖެނެރޭޝަނަލް ބޭން އިސްލާހު ހިމެނޭ ބިލް މިއަދު ތަސްދީގު ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ގައުމު އިސްކޮށްގެން ރައްޔިތުންނަށް ހެވާއި ލާބަ އެދިގެން މިހާތަނަށް ސަރުކާރުތަކުން، ދުންފަތުގެ މައްސަލަތައް ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގެ ސިޔާސީ ވިސްނުމެއް ގެންގުޅެފައި ނުވާ ކަމަށެވެ. އެކަމަކު ދުންފަތުގެ މައްސަލަ ހައްލުކުރުމަށް މިސަރުކާރުގެ "ޕޮލިޓިކަލް ވިލް" އޮންނާނެ ކަމުގައި ވިދާޅުވި އެވެ.

މިއަދު ތަސްދީގު ކުރެއްވި އިސްލާހުގެ ދަށުން ޖެނުއަރީ 1، 2007 އިން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މަނާވެގެންދާނެ އެވެ. އަދި ދުންފަތް، އިލެކްޓްރޯނިކް ސިނގިރޭޓް، ވޭޕް ފަދަ ތަކެތި އުފެއްދުމަށް ބޭނުންކުރާ ހުރިހާ މެޝިނަރީއާއި އާލާތްތަކާއި، އެފަދަ ތަކެއްޗާއެކު ބޭނުންކުރާ ހުރިހާ ބާވަތެއް، ރާއްޖެ އެތެރެކުރުމާ ގެންގުޅުންވެސް މަނާކުރެވޭނެ އެވެ. އަދި އެފަދަ ބާވަތްތައް އިޝްތިހާރުކުރުމާއި ޕްރޮމޯޓްކުރުން މަނާކުރުމުގެ އިތުރަށް އެފަދަ ތަކެތި އަތުލުމުގެ ބާރު ތަންފީޒީ އިދާރާތަކަށް ލިބިދެ އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އަމާޒަކީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހަގީގީ ހައްލުތަކެއް ހޯދައިދިނުން ކަމަށާއި މިފަދަ ނޭދެވޭ ކަންކަމުން ދުރުވެގަތުމަކީ ގައުމުގެ މުސްތަގުބަލައްޓަކައި ކުރެވޭ މުހިއްމު ބޮޑު ކަމަކަށް ވާނެ ކަމަށެވެ.

"މިފަދަ މަސައްކަތްތަކަކީ އެންމެން ބަލައިގަންނަ، އެންމެންނަށްޓަކައި ކުރެވޭ ކަމެއްގެ ގޮތުގައި ގަބޫލުކުރުމަކީ އަޅުގަނޑު އެދޭ ގޮތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދުންފަތާ ގުޅޭ އިސްލާހުތައް ތަންފީޒުކުރުމުގައި މުޅި މުޖުތަމައު ބައިވެރިވާނަމަ، ގައުމުގެ މުސްތަގުބަލު ސަލާމަތްކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ގައުމުގެ ކުރިމަގާއި ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް، ތަރައްގީގެ އަމާޒު ކަށަވަރުކުރުމުގައި މިއަދު ތަސްދީގު ކުރި އިސްލާހަކީ އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމުގައި ވެގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ޖެނެރޭޝަނަލް ބޭނެއްގެ އިތުރުން ދުންފަތުން ދުރުވުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުންވެސް ބައެއް މައުލޫމާތު ހިއްސާކުރެއްވި އެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓޮބޭކޯ ސިޒޭޝަންގެ ހިދުމަތްތައް ފެށި، އާންމުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ހިނގޭނެ ކަމުގައި ވިދާޅުވި އެވެ. އަދި ގާނޫނު ތަންފީޒުކުރުމުގައި އަމާޒަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން ނޫން ކަމަށާއި، ބޭނުމަކީ ދުންފަތުގެ ނުރައްކަލުން ދިވެހި ގައުމު މުޅީން ސަލާމަތްކޮށް، މަސްތުވާތަކެއްޗާ އެނޫންވެސް ނޭއްގާނީ އާދަތަކާ ދުރުހެލި، ދުޅަހެޔޮ، ހަރުދަނާ މުޖުތަމައެއް ބިނާކުރުން ކަމަށްވެސް ވިދާޅުވި އެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލް މިއަދު ތަސްދީގު ކުރެއްވި ނަމަވެސް އިސްލާހުތަކަށް އަމަލުކުރަން ފަށާނީ މިއަހަރުގެ ނޮވެންބަރު އެއްވަނަ ދުވަހުން ފެށިގެންނެވެ.