މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކޮމްއަށް ފުލުހުން ވަދެއްޖެ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ތެރެއަށް ފުލުހުން ވަދެއްޖެ އެވެ.

ބްރޯޑްކޮމްއަށް މިއަދު ހަވީރު ވަދެފައިވަނީ ފުލުހުންގެ ފޮރެންސިކް ޓީމެއް ކަމަށް އެނގިފައިވެ އެވެ. ނަމަވެސް ފުލުހުން އެ ތަނަށް ވަދެފައިވާ ވަކި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.

ބްރޯޑްކޮމްގެ އެކި ތަންތަން ފޮޓޯ ނަގައި އެ ކޮމިޝަންގެ ސާވައާ ގުޅޭ ބައެއް މައުލޫމާތު ފުލުހުން އެއްކުރި ކަމަށް އެ އިދާރާގެ ބައެއް މުވައްޒަފުންގެ ފަރާތުން އެނގިފައިވެ އެވެ. ފުލުހުން އެ އިދާރާއަށް ވަނީ ސާވާ ޑައުންކޮށްލީ ކަމުގެ ތުހުމަތެއް ކުރެވިގެން ކަމަށްވެސް ބައެއް މުވައްޒަފުން ބުންޏެވެ.

ބްރޯޑްކޮމްއަށް ފުލުހުން ވަދެފައިވާ މައްސަލައިގައި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ފުލުހުން ބްރޯޑްކޮމް ތެރެއަށް ވަދެފައި މިވަނީ އެ ކޮމިޝަންގެ މެންބަރުން މުވައްޒަފުންނާ މެދު "ހިތުހުރި" ގޮތަކަށް އަދި ބޭއިންސާފުން އެތައް ކަމެއް ކުރަމުންދާ ކަމަށް ބުނެ ބައެއް މުވައްޒަފުން މިއަދު މަސައްކަތް ހުއްޓާލައި ގެއަށް ގޮސްފައި ވަނިކޮށެވެ.

ބްރޯޑްކޮމްގެ މެންބަރުން ވަނީ އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް މަރިޔަމް ޒީނިޔާ އިއްޔެ އިން ފެށިގެން ތިން ދުވަހަށް ސަސްޕެންޑްވެސް ކޮށްފަ އެވެ.

ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނަރަލް ޒީނިޔާ ސަސްޕެންޑް ކުރީ ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒު ކުރުމަށް އެއްބާރުލުން ނުދޭތީއާއި ކޮމިޝަންގެ މެންބަރުންނަށް އިހްތިރާމު ނުކުރުން ފަދަ މައްސަލަތަކެއް ހުރެގެން ކަމަށް އެނގިފައިވެ އެވެ.

ބްރޯޑްކޮމްގެ މެންބަރުންގެ ނުފޫޒާއި އުނދަގުލާ ހެދި މަސައްކަތް ކުރަން ދަތިވާ ކަމަށް ބުނެ ކޮމިޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުން ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއްވެސް މިހާރު ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ޕެޓިޝަންގައި މުވައްޒަފުން ކޮށްފައިވާ ތުހުމަތުތަކާ ގުޅޭ އެއްވެސް ކަންބޮޑުވުމެއް ކޮމިޝަންގެ މެންބަރުންނާ ހިއްސާކޮށްފައި ނުވާ ކަމަށް ބައެއް މެންބަރުން ވިދާޅުވެފައިވެ އެވެ.