ވާހަކަ

ކަރުނައިގެ އަގު

( 19 މެއި 2025 އާ ގުޅޭ )

ވާކިފްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މޫނާއެކު ބޮލުގެ އިސްތަށިގަނޑުގައި ވާކިފްއަށް އަތްފުނާ އަޅާލެވުނީ ނަފްސަށް ހަމަޖެހުމެއް ލިބެތޯ އެވެ.

"ރަހާ މަރުވަނީތަ؟. އެކަމަކު ފަރުވާދެއްވިއްޖެނަމަ ސަލާމަތް ކުރެވިދާނެ ދޯ." ވާކިފްއަށް ބުނެވުނެވެ. އޭނާ ރަހާއާ ވަކިވާކަށް ތައްޔާރެއްނޫނެވެ. އެކަން އޭނާ ވާހަކަދެއްކި ގޮތުން ސައިމަންއަށް ވެސް ނަގައިގަންނަން ދައްޗެއް ނުވި އެވެ.

"ފިފްޓީ ފިފްޓީގެ ޗާންސެއް. އަހަރެންނަށް އެނގެނީ ޒަރަކްއަކީ މޮޅު ޑަކްޓަރެއްކަން." ސައިމަން ބުންޏެވެ.

"އައި ހޭވް ޓު ފައިންޑް ހާ." ވާކިފްއަށް ބުނެވުނެވެ.

* * * * *

ރަހާގެ މެރިފައިވާ ދެ ލޮލަށް ބަލަން ޒަރަކް އިނެވެ. ދޭތެރެއަކުން އޭނާގެ ނަޒަރު ރަހާގެ މެޔާ އަމާޒުވެލަ އެވެ. ނުނިޔަތެއްލާ ވަރަށްވުރެ ޒަރަކްގެ ހިތުގައި ރަހާގެ މައްޗަށް ކަންބޮޑުވުންވެ އެވެ. ރަހާގެ މޭ އުފުލިލާ ގޮތުން އަދިވެސް އެ ހަށީގައި ނޭވާ ހިނގާކަމުގެ ޔަޤީންކަން ޒަރަކްއަށް ލިބެ އެވެ. އެ ނޭވާ ހުއްޓުމަކަށް އަންނާކަށް ޒަރަކް ނޭދެ އެވެ.

ވިލިގިލިން ކުއްޔަށް ޕްރައިވެޓް ކާރެއް ޒަރަކް ނެގީ އެންމެ ބޭނުމެއްގަ އެވެ. ރަހާއަށް ޓަކައެވެ. ރަށުތެރޭގައި ހިނގާފައި އުޅޭން ރަހާއަށް ފަސޭހަނުވާނޭކަން ޒަރަކްއަށް އެނގޭތީ އެވެ. ރަހާގެ ހަށިގަނޑަށް ލިބޭނެ ވަރުބަލިކަން ލުއިކޮށްދިނުމުގެ ގަސްދުގަ އެވެ. ކާރު ލިބުމާއެކު ޒަރަކް ނުކުތީ ރަށުތެރޭގައި ރަހާ ގޮވައިގެން ދުއްވާލާށެވެ. ގޭގައި ރަހާ ބޭންދުމަށްވުރެ ބޭރަށް ނެރިލުމުން ރަހާގެ ނަފްސަށް ހަމަޖެހުމެއް ލިބިދާނޭކަމުގެ އުންމީދުގަ އެވެ. އެމީހުންނާއެކު ޒަރަކްގެ ބުޅާ ވެސް ދަތުރުގައި ބައިވެރި ކުރި އެވެ. ކާރުގައި މާ ދުރަށް ނުދެވެނީސް ބައްދަމުން ބޯކަޅު ވިލާތަކުން ވާރޭ އޮހިގެންފި އެވެ. ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރަށް ބަލަން އިން ރަހާއަށް ނިދިޖެހުނީ ކޮންއިރަކު ކަމެއް ޚުދު އޭނާއަށް ވެސް އަދި ޒަރަކްއަކަށް ވެސް ނޭނގެ އެވެ. ގޭދޮށަށް ކާރުގައި އައިސް މަޑުކޮށްލުމާއެކު ޒަރަކް ކާރުން ނުފައިބާ މަޑުކުރީ ރަހާއަށް ނިދިޖެހިފައި އިނުމުންނެވެ.

"ޝްޝްޝް... ސްޓޮޕް އިޓް ޖިންޖަރ. ޔޯ ފިއުޗަރ މާމް އިޒް ސްލީޕިންގް." ފަހަތު ސީޓުގައި އޮތް ބުޅާ ގޮވަން ފެށި އަޑަށް ޒަރަކް މަޑުމަޑުން ބުންޏެވެ. އަދި ނިކަން އަވަހަށް ރަހާއަށް ބަލާލީ ބުޅާ ގޮވާ އަޑަށް ރަހާއަށް ހޭލެވިދާނޭ ހީވެގެންނެވެ. ނަމަވެސް ރަހާ އިނީ އެއަށްވުރެ ގަދަ ނިދީގައިހެން ހީވެ އެވެ. ޒަރަކްގެ ތުންފަތަށް ކުޑަކޮށް ދެމިލީ ސިކުނޑިއަށް ވެރިވި ޚިޔާލަކުންނެވެ. އޭނާ ސިއްރުން ކާރުން ފޭބި އެވެ. ގޭގެ ދޮރޯށި ހުޅުވާފައި އެތެރެއަށް ވަދެ މައިގެއަށް ވަންނަން ހުރި ދޮރު ވެސް ހުޅުވާލި އެވެ. ދެން އެނބުރި އައިސް ކާރުގައި ރަހާ އިން ފަޅިއަށް ހުއްޓިލި އެވެ. ކާރުގެ ދޮރުފަތް ހުޅުވާލައި އަތްދަނޑިމައްޗަށް ރަހާ ހެޔޮވަރުކޮށްލުމާއެކު ޒަރަކް ހިންދެމިލި އެވެ. ދެން ނިކަން އަވަހަށް ކާރުގެ ދޮރުފަތް ލައްޕާލީ ބުޅާ ނުކުންނަން ވެގެން ކުރީ ސީޓަށް ފުންމާލިތަން ފެނި އެވެ.

ވާރޭގެ ތިކިތައް މޫނުގައި ބީހިލުމާއެކު ރަހާއަށް ލޯ ހުޅުވާލެވުނީ ސިހިފަ އެވެ. އެއަށްވުރެ ބޮޑަށް އޭނާ ސިހުނީ ޒަރަކްގެ އަތްދަނޑިމަތީ އޮވެވުނުކަން އެނގުނު ހިނދެވެ. މީހާއަށް ތެޅިގަނެވުނު ވަގުތު ވެއްޓިދާނޭ ހީވި އެވެ. ނަމަވެސް ޒަރަކް ހުސިޔާރުކަމާއެކު ރަހާ ވަކިން ބޮޑަށް ގަޔާ ކައިރިކޮށްލައި ހިފަހައްޓާލީ އެވެ.

"ވެއްޓިދާނެ. ގެއަށް ވަދެވެންދެން އިހަށް މަޑުކޮށްލާ." ޒަރަކް ބުންޏެވެ. އޭނާ ދުރުދުރުގައި ފައި އަޅަމުން ނިކަން ހަލުވިކޮށް އައިސް ގޭތެރެއަށް ވަނެވެ. ސިޓިންރޫމުގެ ތަޅުންމައްޗަށް ރަހާ ތިރިކޮށްލުމާއެކު އޭނާ އެނބުރުނީ ކާރުގައިވީ ބުޅާ ބަލަ އެވެ.

"އަންނާނަން ޖިންޖަރ ގޮވައިގެން." ޒަރަކް މިހެންބުނެ ދޮރޯށިން ނުކުތީ އެވެ.

ޒަރަކްގެ އަތްދަނޑިމަތީ އޮވެވުނީތީ އެ ޚިޔާލުގައި ހުރެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ރަހާ އައިސް ސޯފާގައި އިށީނެވެ. ޒަރަކް އޭނާއަށް ނުގޮވީ ކީއްވެބާއޭ ރަހާ ހިތަށް އެރި އެވެ. އެ ދެމެދުގައި އެހާ ގާތްކަމެއް އުފެދޭނޭ ފުރުޞަތެއް ދޭން ރަހާ ބޭނުންނުވަނީ އެވެ. ޒަރަކްއާއި އޭނާއަކީ އެކަކުއަނެކަކަށް ހިލޭ ދެ މީހުންވީމަ އެވެ. ޒަރަކް ކިތަންމެ ރަނގަޅަސް އޭނާގެ އުސޫލުތައް ފެންނަލެއް ހަރުދަނާ ވިޔަސް އެ ދެމެދުގައި ކަމެއް ހިނގާފާނޭކަން ރަހާ ހަނދާނުގައި ބަހައްޓަ އެވެ. ޝައިތާނާގެ އެފަދަ ވަސްވާހެއްގައި ޖެހިދާނެތީ ރަހާ ބިރުގަނެވެ. އަދިވެސް އޭނާ އެ އިނީ ވާކިފްގެ އަނބިމީހާގެ ގޮތުގަ އެވެ.

"ޖިންޖަރ... ޖިންޖަރ..." ސިޓިންރޫމަށް ޒަރަކް ވަން ހިނދު އޭނާގެ އަތުން ބުޅާ ފުންމާލައިގެން ސޯފާގައި އިން ރަހާއާ ދިމާއަށް އެސޮރު ދުއްވައިގަތްތަން ފެނި ޒަރަކް ގޮވަންފެށި އެވެ.

"ތެމުނީތަ؟." ރަހާގެ އުނގަށް އަރައި ކެހެރިގަނޑުގައި ދޫލާން ފެށުމުން އޭނާ ބުޅަލާ ވާހަކަދެއްކި އެވެ.

"ރަހާގެ ގައިގަ ކެހެރި އޮންނާނީ." ޒަރަކް އައިސް ހުއްޓިލަމުން ބުންޏެވެ.

"އޯކޭވާނެ." ރަހާ ބުންޏެވެ.

"ޔޫ ލުކް ޓަޔަޑް. ކޮޓަރިއަށް ދާންވީނު. ކުޑަކޮށް ނިދާލާފައި ތެދުވާނީ. ކާންވީމަ އަހަރެން ގޮވާލާނަން." ތެމިފައި ހުރި އިސްތަށިގަނޑުގައި އަތްފުނާ އަޅަމުން ޒަރަކް ވާހަކަދެއްކި އެވެ.

"ނިދާކަށްނޫން އިނީ. ނިދުނީ... ނައު އޯކޭ." ރަހާ ބުންޏެވެ.

"އެބަ އަންނަން." ޒަރަކް މިހެންބުނެ އެތެރެއަށް ހިނގައިގަތީ އެވެ. އޭނާ ހުރީ ހިސާބަކަށް ތެމިފައި ކަމަށްވާތީ ގަސްދުކުރީ ފެން ހިއްކާލާފައި ހެދުން ބަދަލުކޮށްލާށެވެ.

ޒަރަކް އެނބުރި ސިޓިންރޫމަށް އައިއިރު ޓީވީގެ އަޑު އިވެ އެވެ. އޭނާގެ ބުޅާ ގޮސް ޓީވީ ކައިރިޔަށް އަރާ އޮތްތަން ފެނުނެވެ. ސޯފާގައި ރަހާ އިނީ ފޯނަށް ގެއްލިފަ އެވެ. އޭނާގެ މޫނުމަތިން ކަމަކާ ވިސްނާކަމުގެ އަސަރުތައް ފާޅުވާން ހުއްޓެވެ. ޒަރަކް އައިސް ވަކިން ހުރި ސޯފާ ގޮނޑީގައި އިށީނދެ ވާހަކަދައްކަން ފެށި އެވެ.

"ފޯނަށް ކިހިނެއްވީ؟. ތި ނަންބަރު އެނގިދާނެތީ ހާސްވަނީތަ؟." ޒަރަކް އަހާލި އެވެ.

ރަހާގެ ފޯނަށް ވާކިފް ގުޅާނޭކަން ޚުދު ރަހާއަށް އެނގެ އެވެ. ފޯނު ނަންބަރު ބަދަލުކުރާން ރަހާ ވިސްނީ އެހެންވެ އެވެ. އޭނާ އުޅުނީ އާ ނަންބަރެއް ނަގާށެވެ. ނަމަވެސް ހެނދުނު ޒަރަކް ބޭރަށް ގޮސްފައި އައީ އައު ސިމްއެއް ހިފައިގެންނެވެ. ޒަރަކްގެ ނަންމަތީގައި ނަގާފައި އޮތް ސިމް ކާޑެވެ. ރަހާ އެ ސިމްކާޑު ޤަބޫލުކުރީ ޒަރަކްގެ ނަންމަތީގައި އޮތުމުން ވާކިފްއަށް އޭނާ ހޯދަން އުނދަގޫވާނޭކަން އެނގޭތީ އެވެ.

"މާދަމާ ޑިވޯސް ފޯމު ކޯޓަށްލާން ކަމަށް." ރަހާ މަޑުމަޑުން ބުންޏެވެ.

"އަހަރެން ޚިޔާލެއް ދެންތަ؟." ޒަރަކް އަހާލި އެވެ. އެއާއެކު ފޯނާ ނަޒަރު ވަކިކޮށްލާފާއި ޒަރަކްއަށް ރަހާ ބަލާލުމާއެކު ބޯޖަހާލައިފި އެވެ.

"ރަހާއަށް ޔަޤީންތަ ތީ އެންމެ ރަނގަޅު ނިންމުންކަން. ރަހާ އޭނާދެކެ ލޯބިވާވަރު އެނގޭތީ މިހެން މިބުނީ." ޒަރަކްގެ އަމިއްލަ ހިތަށް ތަދުވީ ނަމަވެސް އޭނާ ހަޤީޤަތް ޤަބޫލުކުރާތީ ބުންޏެވެ.

"ހަމައެކަނި ލޯތްބަކުން ނުފުދޭނެކަން މިހާރު އަހަރެންނަށް ވިސްނިއްޖެ. ދެމެދުގައި އިޚްތިރާމާއި ތެދުވެރިކަމާއި އިޙްލާސްތެރިކަން ވެސް އޮންނަން ޖެހޭ. ފާއިތުވި އަހަރުތަކު ތެރޭގައި އަހަރެންނަށް އިޙްސާސް ކުރެވުނީ އަހަރެންނޭ ވާކިފްއާ އެއްކޮށް އުޅޭން ބޭނުންވީ. އޭނާ އަހަރެންނާ ވަކިވެދާނެތީ ބިރުން އުޅުނީ. ވާކިފްއާ ނުލާ އަހަރެންގެ ދިރިއުޅުން ކުރިޔަކަށް ނުދާނޭ ހީވެ ހުރިހާ ކަމަކަށް ކެތްތެރިކަން ޚިޔާރުކޮށްގެން އިނީ. އެކަމަކު އަހަރެންގެ ހިތާއި ސިކުނޑިއަށް އެއްވެސް ހަމަޖެހުމެއް ނުލިބޭ. އަހަރެންނަށް ހުރިހާ ބަދަލުތަކެއް އައީ ފާހަގަކުރެވެމުން. އެކަމަކު ވާކިފްގެ ނަޒަރުގައި އަހަރެމެންގެ ދިރިއުޅުމުގައި އެއްވެސް މައްސަލައެއްނެތް. އަހަރެން ކުރަނީ ބޭކާރު ޝަކުވާ. ފިރިމީހާއަށް އަންނަ ކުޑަކުޑަ ބަދަލު ވެސް އެންމެ ފުރަތަމަ ފާހަގަވާނެ މީހަކީ އަނބިމީހާ. އޭނާއަށް ފިރިމީހާ އެނގޭ ގޮތަށް އެހެން އެއްވެސް މީހަކަށް ނޭނގޭނެ. އަހަރެންގެ އަމިއްލަ ނަފްސުގެ އަގަށްވުރެ ބޮޑަށް އަހަރެން މި ދިރިއުޅުން ސަލާމަތްކުރާން މަސައްކަތް ކުރީން. ފުރުޞަތު ވެސް ދެވިއްޖެ. މިހާރު އަހަރެން މި އިނީ ވަރަށް ބޮޑަށް ވަރުބަލިވެފައި. ވިސްނާ ފިކުރުކުރާނޭ ހިތްވަރެއްނެތް. އުމުރުގައި ބާކީ އޮތްތަނުގައި ހިމޭން ދުވަސްތަކެއް ވޭތިކުރާން ބޭނުންވަނީ." ހިތުގައިވާ ރިހުންތައް ރަހާ ޚިއްޞާ ކުރި އެވެ.

"ވާކިލެއް ނަގަންވީނު... ވަކީލެއް ނެގީމައި ރަހާ ތިކަމުގައި އުޅޭކަށް ނުޖެހޭނެ. ވަކީލު ހުރިހާ ކަމެއް ހަމަޖައްސާނެ. އޭރުން ތިކަން ދިގުދެމިގެން ނުދާނެ. ވާކިފްއަށް ވެސް ނުފޫޒު ފޯރުވާން އުނދަގޫވާނެ. އެހެންނޫނީ ކޯޓުން ވަރި ނުކޮށްދޭން އުޅެފާނެ. އެގޮތަށް މަސްތަކެއް ދިގުދެމިގެން ހިނގައިދާނެ." ޒަރަކް ބުންޏެވެ.

"ކިހިނެއް ވަކީލެއް ހޯދާނީ." ރަހާ ބުންޏެވެ.

"އަހަރެން ހޯދަންތަ." ޒަރަކް އަހާލި އެވެ. އެކަމާ އެއްބަސްވުމުގެ ގޮތުން ރަހާ ބޯޖަހާލި އެވެ.

"މިރޭ ގުޅާލާނަން. ހުންނާނެ ރައްޓެއްސެއް. އޭނާއަށް އެނގޭނެ." ޒަރަކް ބުންޏެވެ. ދެން ވެސް ރަހާ ބޯޖަހާލީ އެވެ.

"އަހަރެން ވާހަކައެއް ބުނަންތަ." އިރުކޮޅެއްގެ ހިމޭންކަމަށްފަހު ރަހާ ވާހަކަދެއްކި އެވެ. އެއާއެކު ޒަރަކް އަޑުއަހަން އިންކަން ދައްކާލުމުގެ ގޮތުން ރަހާއާ ދިމާއަށް އެނބުރިލައިފި އެވެ.

"ޑިވޯސް ފައިނަލްވީމަ އަހަރެން އެހެންތަނަކަށް ބަދަލުވާނަން. މިހެން ޒަރަކްއާ އެކީ އުޅުން ރަނގަޅުކަމަކަށް ނުވާނެ. އަހަރެން މީ ކާކުކަން ގިނަބަޔަކަށް ނޭނގުނަސް ޒަރަކް ދަންނަ އެތައް ބަޔަކު އުޅޭ. ފާޑުފާޑުގެ ވާހަކަ ފެތުރޭނެ. އަބުރަށް ހުތުރުވާނޭ ފަދަ ވާހަކައެއް ފެތުރިއްޖެއްޔާ ހަޤީޤަތަކަށް ނުވިޔަސް އެ ލައްގަނޑު ފުހެލަން ވަރަށް އުނދަގޫވާނެ. އަހަރެންނަށް ފެންނަނީ ޒަރަކް އެނބުރި ގެއަށްދާން. ވަޒީފާއަށް ނުކުންނަން ފަށަން. ތިހެން އަހަރެންނަށް ހުސްވެގެން ހުރުން އެއީ ރަނގަޅު ނިންމުމެއްނޫން." ރަހާ ނަޞޭޙަތްތެރިވި އެވެ.

"ރަހާ ތި ވިސްނަނީ މާބޮޑަށް. ކޮންމެ މީހެއްގެ ވެސް އެކުވެރީން ތިބޭނެ. ހަމައެކަނި ފިރިހެން ރައްޓެހިންނެއްނޫން. އަންހެނުންނާ އެކުވެރިކަން ބޭއްވޭނެ. އެގޮތަށް އަހަރެން އެހީމިވަނީ އަހަރެންނަށް ވަރަށް ޚާއްޞަ އެކުވެރިއަކަށް. މިވަގުތު އޭނާއަށް މީހެއްގެ އެހީތެރިކަން ބޭނުންވާކަން އެނގި ހުރެ. ރައްޓެހިން އެކަކުއަނެކެއްގެ ގެއަށް އައިސް އުޅުމަކީ މައްސަލައެއްނޫން. ދެން ތިހެން ކޮޅަށް ނީނދެ ދޭ އަރާމުކޮށްލަން." ޒަރަކް ބުންޏެވެ.

ރަހާއަށް އެއްޗެކޭ ނުބުނެވެނީސް ޒަރަކްއަށް ފޯނެއް އަތުވެއްޖެ އެވެ. އެ ކޯލު ނަގަން ޒަރަކް އިންތަނުން ތެދުވެގެން ހިނގައިގަތީ އެތެރެއަށެވެ. މަތީ ފަންގިފިލާގައި ޒަރަކް ހުންނަ ކޮޓަރިއަށް އައިސް ވަދެފައި އޭނާ ފޯނުކޯލަށް ޖަވާބު ދިނެވެ.

"ހެލޯ... އަދިކިރިޔާތަ ހުސްވަގުތެއް ތި ލިބުނީ. ކޮބާ އަހަރެން ބުނި ކަންތައް ކިހިނެއްވަނީ." ކޯލު ނެގި ގޮތަށް އިނގިރޭސި ބަހުން ޒަރަކް ބުންޏެވެ.

"އެކަން ހަމަޖެހޭނެ. އެކަމަކު ކުރީބައިގައި ޖެހޭނެ މިކޮޅަށް އައިސް ހޮސްޕިޓަލްގައި އެޑްމިޓްވާން. ތަންކޮޅެއް ޕްރޮސީޖަރ ދިގުވާނެ. އަވަސްވޭތޯ ބަލަމުން އަހަރެން މިދަނީ. މެޑިކަލް ރިކޯޑްސްތައް ގެންނަންވާނެ." ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކީ ފިރިހެނެވެ. ޒަރަކްއެކޭ އެއްފަދައިން އޭނާ ވާހަކަދެއްކީ އިނގިރޭސި ބަހުންނެވެ.

"މައްސަލައެއްނެތް. ވަރަށް ބޮޑަށް ތެންކިޔު. އައި އޯ ޔޫ." ޒަރަކް ބުނެލި އެވެ.

"އެއީ އެވަރުކަމެއްނޫން. ތީ އަހަރެންގެ އެންމެ ގާތް ކުލާސްމޭޓް. އަހަރެންނަށް ޒަރަކް ކިތައް ފަހަރު އެހީވީން. ޒަރަކްއަށް އެހީވާނޭ ފުރުޞަތެއް މި ލިބުނީ އަދިކިރިޔާ. އޭތް. ފޯނުގައި ހުރެވޭކަށްނެތް. ސާޖަރީއެއް އެބައޮތް. އެކަމަށް ތައްޔާރުވާން މިއުޅެނީ. ޒަރަކް މެސެޖުކުރާވަރުން އަހަރެން ފަހަށް މަޑުނުކޮށް މި ގުޅީ ވެސް. ފަހުން އަދި ގުޅާނަން." އެ ޒުވާނާ ބުންޏެވެ.

"އޯކޭ." ޒަރަކް މިހެންބުނެ ކޯލު ކަނޑާލީ އެވެ. އަދި މަޑު ހިނގުމެއްގައި ޒަރަކް އައިސް އެނދުގެ އަރިމަތީގައި އިށީނެވެ. އޭނާ ވިސްނަނީ އެވެ.

"ދެން ޖެހޭނީ ގުޅޭ ބޯން މެރޯއެއް ހޯދަން." ޒަރަކް އަމިއްލަ ހިތާހިތުން ކިޔާލި އެވެ. އަދި އެނދުގެ ހުރަހަށް ވާހެން އޭނާ އޮށޯވެލައި ބޯދަށަށް ކަނާއަތް ލައްވާލި އެވެ. އެގޮތަށް ވިސްނުމުގައި އޮއްވާ އޭނާއަށް ނިދިޖެހުނީ އެވެ.

* * * * *

ހީލާސް މެޑިކުލިނިކުން ނުކުމެގެން އައި ވާކިފްގެ އަތުގައި ސިޓީއުރައެއް އޮތެވެ. މުޅި މީހާގެ މޫނު ފެންނަނީ ލިބުނު ސިހުމުގައި ހުދުވެފައިވާތީ އެވެ. ފާޑަކަށް ގަބުވެފައި ހުރެ އޭނާ ކުރިޔަށް ހިނގަމުން ދަނިކޮށް އަތުގައި ހިފެހެއްޓީ ސައިމަން އެވެ. އެއާއެކު ދެފައިކޮޅުގައި ވަރުނެތިގެން ވާކިފް އަރި އަޅާލައިފި އެވެ. ހުރި ދިމާ ތިރިއަށް ދެ ކަކޫ މައްޗަށް އޭނާ ތިރިވީ އެވެ.

"ތިއްތި." ކަންބޮޑުވުމުގެ ރާގުގައި ސައިމަން ގޮވާލި އެވެ.

"އަހަރެންނަށް ހީވަނީ ނުބައި ހުވަފެނެއްގެ ތެރޭގައި އުޅެވޭހެން. ސައިމަން... އަހަރެންނަށް އެހީވެބަލަ. އަހަރެން ނަގާބަލަ... މި ހުވަފެނުން ހޭލަން އަހަރެން ބޭނުމީ. އަހަރެން ރަހާއަށް ވަޢުދުވިން. ކޮންމެ ވިއްސާރަ ދުވަހެއްގައި ހަވީރުގެ ސައި ދެ މީހުން އެކުގައިކަން ބޯނީ. ބަލާބަލަ... ކިހާ ވިއްސާރަ ދުވަހެއްމީ." ވާކިފް މޮޔައެއްހެން އުޑުމައްޗަށް ބަލާލި އެވެ. ބަނަވިލާތަކުން އުދަރެސް ފެންނަނީ ގަދަ އަޅިކުލައިގެ ސާލެއް ފަތުރާލައިފައި އޮތް ހެންނެވެ. އެ ގަޑީގައި ވެސް ތުނިތުނިކޮށް ވާރޭ ވެހެމުންދިޔަ އެވެ.

"ތިއްތި. އަމިއްލަ ނަފްސަށް އޮޅުވާލަން ނޫޅޭ." ސައިމަން މަޑުމަޑުން ބުނެލި އެވެ.

ވާކިފްގެ ނަޒަރު ސައިމަންއަށް ހުއްޓުނެވެ. އޭނާގެ މޫނުގެ އަސަރު އަނެއްކާ ވެސް އެހެން ކުލައެއް ޚިޔާރުކުރި އެވެ. މިފަހަރު ވާކިފްގެ ދެ ލޮލުން ފާޅުވީ ރިހުމާއި ގުޅިފައިވީ ހުސްކަމެކެވެ. އޭނާގެ އަތުގައި އޮތް ސިޓީއުރަ އަތުގެ ތެރެއަށް ބޮނޑިކޮށްލީ އެވެ. ވައަތްތިލަ ގެނެސް މޭގައި އޭނާއަށް ޖައްސާލެވުނެވެ. އިސްއޮބާލި އިރު ވާކިފްގެ ދެ ލޮލަށް ކަރުނަ ޖަމާވެއްޖެ އެވެ. އޭނާގެ ކަންފަތަށް ރަހާގެ އަޑު އިވެންފެށި ކަހަލަ އެވެ.

(ނުނިމޭ)