އެއާޕޯޓް ޓެކުހާއި ފީ (އޭޓީއެފް) އިން މި އަހަރު ދައުލަތަށް އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އެއާޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ދައުލަތަށް 1.2 ލިބުނެވެ.
އޭޓީއެފްގެ ގޮތުގައި މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނީ 863.4 މިލިއަން ރުފިޔާ އެވެ.
ފިނޭންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު ޑިޕާޗާ ޓެކުހުގެ ގޮތުގައި މި އަހަރު 614.4 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 617.5 މިިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.
އެއާޕޯޓް ޓެކުހާއި ފީ އިތުރުވި ސަބަބުތަކުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއި ޓެކްސް ނަގާ ރޭޓް ބޮޑުކުރުން ހިމެނެ އެވެ.
ޑިޕާޗާ ޓެކްސް މިހާރު ނަގާ ރޭޓް
- އިކޮނޮމީ ކްލާސް: ދިވެހިން 12 ޑޮލަރު | ބިދޭސީން 50 ޑޮލަރު
- ބިޒްނަސް ކްލާސް: ދިވެހިން 60 ޑޮލަރު | ބިދޭސީން 60 ޑޮލަރު
- ފަސްޓް ކްލާސް: ދިވެހިން 90 ޑޮލަރު | ބިދޭސީން 90 ޑޮލަރު
- ޕްރައިވެޓް ޖެޓް: ދިވެހިން 120 ޑޮލަރު | ބިދޭސީން 120 ޑޮލަރު
ޑިޕާޗާ ޓެކުހުން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި ޓްރާންސިޓް ފަސިންޖަރުންނާއި، އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން ހިމެނެ އެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ މިހާރު ނަގާ ރޭޓް
- އިކޮނޮމީ ކްލާސް: ދިވެހިން 12 ޑޮލަރު | ބިދޭސީން 50 ޑޮލަރު
- ބިޒްނަސް ކްލާސް: ދިވެހިން 120 ޑޮލަރު | ބިދޭސީން 120 ޑޮލަރު
- ފަސްޓް ކްލާސް: ދިވެހިން 240 ޑޮލަރު | ބިދޭސީން 240 ޑޮލަރު
- ޕްރައިވެޓް ޖެޓް: ދިވެހިން 480 ޑޮލަރު | ބިދޭސީން 480 ޑޮލަރު
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އިން އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކާއި، ޓްރާންސިޓް ފަސިންޖަރުންގެ ތެރެއިން "ޑައިރެކްޓް ޓްރާންސިޓް" ފަސިންޖަރުން ހިމެނެ އެވެ.
ޑިޕާޗާ ޓެކުހާޢި އޭޑީއެފް ނަގާ ރޭޓަށް ބަދަލު ގެނައީ މިދިޔަ އަހަރުގެ ޑިސެމްބަރު ފުރަތަމަ ދުވަހުން ފެށިގެންނެވެ.