ޗާގޯސް ޖަޒީރާގައި ހިމެނޭ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުމަކަށް އައިސް އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ތައްޔާރުވެއްޖެ އެވެ.
އިނގިރޭސި ސަރުކާރުގެ މި ނިންމުމާ ގުޅިގެން ޗާގޯސްގެ ރަށްތަކުގެ މިލްކުވެރިކަމަށް ދައުވާ ކުރަމުންދާ ރާއްޖެއަށް އިގްތިސާދީ ގޮތުން މުސްތަގުބަލްގައި ގެއްލުންތަކެއް ލިބިދާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
ދިވެހި ތާރީހުގެ ބައެއް ލިޔުންތަކާއި ތުންތުންމަތިން ކިޔައިއުޅޭ ފުލޯކު ވާހަކަތަކުގައި ޗާގޯސް ރަށްތަކަކީ ދިވެހިންނާ ގުޅިފައިވާ ދިވެހިންގެ ރަށްތަކެއް ކަމަށް ބުނެވެ އެވެ. ޗާގޯސްގެ ރަށްތަކާ އެންމެ ކައިރީގައި އޮތް ގައުމަކީވެސް ރާއްޖެ އެވެ.
ބީބީސީގައި މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި އިނގިރޭސި ސަރުކާރުން ވަނީ ޗާގޯސް ޖަޒީރާގައި ހިމެނޭ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް މިއަދު ފަށާފަ އެވެ. އެކަމަކު އެ ޖަޒީރާގެ އެންމެ ބޮޑު ރަށް -- ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒު ހަމަ އެގޮތުގައި ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށްވެސް ރިޕޯޓްގައިވެ އެވެ.
ދިވެހިރާއްޖޭގެ މައިގަނޑު ދެ ސިނާއަތަކީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ވިޔަފާރި ކަމަށްވާތީ ޗާގޮސްގެ ރަށްތަކުގައި މުސްތަގުބަލުގައި މޮރިޝަސް އިން ފަތުރުވެރިކަމުގެ ވިޔަފާރި ފަށައިފިނަމަ އަދި ޗާގޮސްގެ ވަށައިގެންވާ ކަނޑުތައް ދާއަޅައިގެން މަސްވެރިކަން ކުރާ ފަރާތްތަކަށް ކުއްޔަށް ދޭން މޮރިޝަސް އިން ނިންމައިފިނަމަ ރާއްޖޭގެ އިގްތިސާދަށް ގެއްލުންވާނެ ކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
މި އެއްބަސްވުމުގެ ފުރިހަމަ ތަފްސީލް އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ހާމަވެފައިވާ މައުލޫމާތުތަކަށް ބަލާއިރު މޮރިޝަސް އިން ވަނީ އިތުރު 99 އަހަރަށް ޑިއޭގޯ ގާސިއާ، އިނގިރޭސިވިލާތަށް ކުއްޔަށް ދޭން ނިންމާފަ އެވެ. އަދި އެ މުއްދަތު އިތުރު 40 އަހަރަށް އިތުރު ކުރެވޭ ގޮތަށް އެއްބަސްވުމެއް އޮތް ކަމަށްވެ އެވެ.
ޗާގޯސް ޖަޒީރާގައި ހިމެނޭ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުމަކަށް އައިސް އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ސަރުކާރުން ތައްޔާރުވި ނަމަވެސް ދެ ސަރުކާރަށް އަދިވެސް އެއްބަސް ނުވެވޭ ކަންތައްތަކެއް ހުރި ކަމަށްވެ އެވެ. ހާއްސަކޮށް އިނގިރޭސި ސަރުކާރުން ބަދަލުގެ ގޮތުގައި މޮރިޝަސްއަށް ދޭންޖެހޭ ފައިސާގެ އަދަދާ މެދު އަދިވެސް އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިޔޯ ވަނީ ޗައިނާއާއި މޮރިޝަސްއާ ދެމެދު އޮންނަ ގާތް ގުޅުމެއްގެ ސަބަބުން ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަކީ އެމެރިކާއަށް ނުރައްކަލެއް އޮތް ކަމެއް ކަމަށް ދެކޭ ކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް ޗާގޮސްގެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިއުތިރާޒެއް ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އިނގިރޭސީންނަށް އަންގާފަ އެވެ.