މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ މައި މަރުކަޒު ހުޅުމާލޭގައި އަޅަނީ

ފުލުހުންގެ މައި މަރުކަޒު ހުޅުމާލޭގައި އަޅަން ނިންމައި އެކަމުގެ އެއްބަސްވުމުގައި އެޗްޑީސީއާ އެކު ސޮއިކޮށްފި އެވެ.

ފުލުހުންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ. އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އެވެ.

ފުލުހުންގެ މައި މަރުކަޒުގެ ގޮތުގައި މިވަގުތު ބޭނުންކުރަމުން ދަނީ މާލޭގެ އުތުރު ފަރާތުގައި ޓްރެފިކްގެ ބާރު އެންމެ ބޮޑު އެއް ސަރަހައްދުގައި ހުންނަ ޝަހީދު ހުސައިން އާދަމް ބިލްޑިން އެވެ.

މީގެ 26 އަހަރު ކުރިން 1999 ވަނަ އަހަރު ހުޅުވި އެ އިމާރާތް މިހާރު ވަނީ ޖާގައިގެ ގޮތުން ވަރަށް ކުޑަ އިމާރާތަކަށެވެ.

ފުލުހުންނާއި ސިފައިން ވަކި ދެ އިދާރާއެއްގެ ގޮތުގައި ހިންގަން ފެށިއިރު ފުލުހުންގެ އަދަދު އޭރު ތަންކޮޅެއް މަދު ނަމަވެސް މިހާރު ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ފުލުހުން ގާއިމުވެ ތިބުމުން ފުލުހުންގެ މައި އިދާރާއަށް އިތުރު ޖާގަ ވަނީ ބޭނުންވެފަ އެވެ.

ހުޅުމާލޭގައި ފުލުހުންގެ މައި މަރުކަޒު އަޅަނީ ކިހާ ވަރެއްގެ ބިމެއްގައި ކަމެއް އަދި ނޭނގެ އެވެ.