މަސްތުވާތަކެތި

ޑްރަގު ގެނައި ބޯޓުން އިތުރު ބަޔަކު މިނިވަންކޮށްފި

ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ބޭރުގެ ބޯޓުން ހައްޔަރު ކުރި ބައެއް މީހުން ދޫކޮށްލައިފި އެވެ.

ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު މިދިޔަ މާޗު މަހު އަތުލައިގެން ބޯޓަކީ "މުތާ ޑައިމަންޑް" ކިޔާ ބޯޓެކެވެ. އެ ބޯޓުން 10 މީހުން ހައްޔަރުކުރިއިރު އެއީ އިންޑިއާ މީހުންނާއި އިންޑޮނީޝިއާ މީހުންނެވެ.

މީގެތެރެއިން ކުރިން ދޫކޮށްލި އެކެއްގެ މައްސަލަ ދައުލަތުން އިސްތިއުނާފުވެސް ކުރި އެވެ. އެކަމަކު ހައިކޯޓުން އެ މައްސަލަ ބަލައެއް ނުގަތެވެ. އޭގެ ތެރެއިން އިތުރު ބައެއް މީހުން މި ހަފްތާގައިވެސް ދޫކޮށްލާފައިވެއެވެ. އެކަމަކު ބައެއް މީހުންގެ ބަންދު މުއްދަތު މި ހަފްތާގައިވެސް އިތުރު ކުރި އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި ބިދޭސީންނަށް ވަކީލުން ހަމަޖައްސައިދޭން ޖެހުނީވެސް ދައުލަތަށެވެ.

މި މީހުންގެ ބަންދު އަމުރު ރިޕޯޓުގައި މި ކުށަކީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ކުށެއް ކަމަށް މައްސަލަ ތަހުގީގު ކުރި ފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހު ދަންވަރު ހިންގި ޖޮއިންޓް އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުން ބޯޓެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ހަތް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ އެކު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓު މިހާރު ވަނީ ދޫކޮށްލާފަ އެވެ. ބޯޓު ދޫކޮށްލުމާއެކު އެހެން ފަޅުވެރިންތަކަކާއެކު ބޯޓު ފުރައިގެން ގޮސްފައިވާ ކަމަށްވެސް އެނގިފައިވެ އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން ވާހަކަ ދައްކާފައެއް ނުވެ އެވެ.

ބޯޓު ދޫކޮށްލާފައިވީ ނަމަވެސް ބޯޓުގެ ސީސީޓީވީ ފުޓޭޖް، ތަހުގީގަށް ހޯދާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.