މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ހުޅުވައިފި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު މިރޭ އާންމުކޮށް ހުޅުވައިފި އެވެ.

މައުރަޒު މިރޭ އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ.

މައުރަޒު ހުޅުވުން ފާހަގަކުރުމަށް ހަވާއެރުވުމުގެ ހަރަކާތްތަކެއްވެސް މިރޭ ކުރިއަށް ގެންގޮސްފައިވެ އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މައުރަޒު އިފްތިތާހުކޮށްދެއްވުމަށްފަހު ރައީސްގެ ދެ ކަނބަލުން ވަނީ މައުރަޒުގެ ބައިވެރިންގެ މަސައްކަތްތައް ބައްލަވާލައްވާފަ އެވެ.

މި މައުރަޒުގައި ދިވެހިވަންތަ، ސަގާފީ އުފެއްދުންތަކުގެ އިތުރުން ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކާއި ހުށަހެޅުންތައް ފެނިގެންދެ އެވެ.

މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ފުޅާކުރުމުގެ މަގުސަދުގައި މިހާތަނަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މައުރަޒެވެ.

މިމައުރަޒު ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު މިދިޔަ އަހަރުގެ މެއި 19 ވަނަ ދުވަހު އެވެ. މަޢުރަޒުގެ ކަންކަން އިންތިޒާމުކޮށް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.

މި މަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް މައުރަޒު ކުރިއަށްދާނެ އެވެ.