ޔުމްނު ވެއްޓުން

ރައުދުގެ ބަންދަށް ފަސް ދުވަސް ދީފި

ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ބަންދުން ދޫކޮށްލުމަށްފަހު އަލުން ހައްޔަރުކުރުމާއެކު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ދީފި އެވެ.

ރައުދު އިއްޔެ ހެނދުނުގެ ވަގުތެއްގަ ބަންދުން ދޫކޮށްލުމަށްފަހު އިއްޔެ ހަވީރު އަލުން ހައްޔަރުކުރި އެވެ. ރައުދު އިއްޔެ ހެނދުނު ދޫކޮށްލީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުރުމުން ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު ތަފްސީލެއް ނުދެ އެވެ.

ފުލުހުން މިއަދު ބުނީ ރައުދުގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ރައުދު އެންމެ ފުރަތަމަ ހައްޔަރުކުރީ މިދިޔަ އޭޕްރީލް 24 ވަނަ ދުވަހު އެވެ.

ރައުދު އިއްޔެ ހެނދުނު ދޫކޮށްލީ އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރެއް ރައުދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި ފަހުންނެވެ.

ރައުދު އެންމެ ފުރަތަމަ ހައްޔަރު ކުރި ފަހަރު ކްރިމިނަލް ކޯޓުން ވަނީ ހަތަރު ފަހަރަށް އޭނާގެ ބަންދަށް މުއްދަތު ދީފަ އެވެ. އެއީ:

  • 25 އޭޕްރީލްގައި ފަސް ދުވަސް
  • 30 އޭޕްރީލްގައި 10 ދުވަސް
  • 10 މެއިގައި ފަސް ދުވަސް
  • 15 މެއިގައި 20 ދުވަސް

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ރައުދު ހައްޔަރުކުރުމަށް އެންމެ ފުރަތަމަ ކޯޓުގައި އަމުރަކަށް އެދުނުއިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތުވެސް ކޮށްފައިވެ އެވެ.

ރައުދު މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރީ އާންމުންގެ ފާޑު ކިޔުން ބޮޑުވެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ.

ޔުމްނު ވެއްޓުނު ދުވަހުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ރައުދު ގެންގޮސް ސުވާލުކޮށް އޭނާގެ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމަށްފަހު ދޫކޮށްލި އެވެ.

ފުލުހުން އެ ދުވަހު އޭނާ ދޫކޮށްލިއިރުވެސް ކުޑަކަމުންދާ ތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެސް ވެފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ކުރިން މާލޭގެ ދެ ގެއެއްގައި މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ޔުމްނު އާއި ރައުދު ހިމެނޭހެން ޖުމްލަ ނުވަ މީހަކު މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރުމުގެ ކަންތައްތަކެއް ހިންގާފައިވާ ކަން ފުލުހުން ކުރިން ދިން މައުލޫމާތުން އެނގެ އެވެ.

ޔުމްނުގެ ހަށިގަނޑުންވެސް ފުލުހުން ނެގި ސާމްޕަލް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފަ އެވެ. ދެން ތިބި މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމަށް އެދުމުން އެމީހުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އެހެންވެ ފުލުހުން އޭރު ވަނީ އެ މީހުންގެ ސާމްޕަލް ނުނަގާ ދޫކޮށްލާފަ އެވެ.

ނަމަވެސް ފުލުހުން ފަހުން ބުނީ މި މައްސަލައިގައި ހިމެނޭ އެންމެން އަލުން ދެނެގަނެ އެ އެންމެންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ މީހުން ފުރުން މަނާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.