ރަޝިއާ އިން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަދަދާއެކު ރަޝިއާ އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ދެ ވަނައިގަ އެވެ.
ރާއްޖެއަށް މިއަހަރުގެ މިހާތަނަށް 926،898 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އޭގެ ތެރެއިން 10.8 ޕަސެންޓަކީ ރަޝިއާ ފަތުރުވެރިންނެވެ.
ފާއިތުވި 2024 ވަނަ އަހަރު ރަޝިއާގެ އެއްލައްކަ ވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރީ އެ އަހަރުގެ ޖޫން މަހު އެވެ.
ފަތުރުވެރިކަމުގެ ގަދަ 10 ގައުމު
- ޗައިނާ - 108،128 ފަތުރުވެރިން
- ރަޝިއާ - 100،096 ފަތުރުވެރިން
- އިނގިރޭސިވިލާތް - 95،019 ފަތުރުވެރިން
- އިޓަލީ - 80،471 ފަތުރުވެރިން
- ޖަރުމަނު - 71،278 ފަތުރުވެރިން
- އިންޑިއާ - 51،130 ފަތުރުވެރިން
- ފްރާންސް - 33،529 ފަތުރުވެރިން
- އެމެރިކާ - 29،128 ފަތުރުވެރިން
- ސްވިޓްޒަލޭންޑް - 21،478 ފަތުރުވެރިން
- އޮސްޓްރޭލިއާ - 16،788 ފަތުރުވެރިން
ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 660،071 ފަތުރުވެރިން -- 71.2 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.
ގެސްޓްހައުސްތަކުގައި 216،094 ފަތުރުވެރިން -- 23.3 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 27،291 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 22،853 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.