ރެއާލް މެޑްރިޑް

އެންޗަލޯޓީއާ މޮޑްރިޗްގެ ވަދާއީ މެޗުގައި ރެއާލް މޮޅުވެއްޖެ

ސްޕެނިޝް ލަލީގާގެ މި ސީޒަނުގެ ފަހު މެޗުގައި ރެއާލް މެޑްރިޑް އާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު 2-0ގެ ނަތީޖާއަކުން ރެއާލް ކާމިޔާބުކޮށްފި އެވެ.

މި މެޗަކީ ޓީމުގެ ކޯޗު ކާލޯ އެންޗެލޮޓީ އަދި އެޓީމުގެ ލެޖެންޑް ލޫކާ މޮޑްރިޗްގެ ވަދާއީ މެޗެވެ.

ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ވަނީ މި މެޗުގައި ޖެހި ދެ ލަނޑުވެސް ޖަހައިގެން ޓީމު މޮޅުކޮށްދިނުމަށް މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

މި ލަނޑުތަކާއެކު އޭނާ މި ސީޒަނުގައި ޖެހި ލަނޑުގެ އަދަދު ވަނީ 31 އަށް އަރާފަ އެވެ.

ލީގުގެ ފަހުގެ ހަ މެޗުގައި އޭނާ ވަނީ 11 ލަނޑު ޖަހާފަ އެވެ. އަދި ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ ފުރުސަތުވެސް މިހާރު އެންމެ ބޮޑީ އޭނާ އަށެވެ.

ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން ރެއާލް މެޑްރިޑްގެ ކޯޗު ކަމުގައި ކާލޯ އެންޗެލޯޓީ ވަނީ އޭނާ އެ ކްލަބަށް އިރުޝާދު ދިން މުއްދަތުގައި ޖުމްލަ 15 ތަށި ހޯދައިދީފަ އެވެ. އެންޗެލޮޓީ ވަނީ މި ސީޒަނަށްފަހު ރެއާލް މެޑްރިޑްގެ ކޯޗު ކަމުން ވަކިވެ ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗު ކަމާއި ހަވާލުވުމަށް ނިންމާފަ އެވެ.

ރޭގެ މެޗަކީ ލޫކާ މޮޑްރިޗް ބާނަބިއު ސްޓޭޑިއަމްގައި ރެއާލް މެޑްރިޑަށް ކުޅެދޭނެ ފަހު މެޗެވެ. 2012 ވަނަ އަހަރު ތޮޓްނަމް ހޮޓްސްޕާ އިން ރެއާލް މެޑްރިޑާ ގުޅުނު މޮޑްރިޗް ވަނީ އެ ކްލަބާއެކު 28 މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ޔޫއެފާ ޗެމްޕިއަންސް ލީގު ހަ ފަހަރު، ލަލީގާގެ ޗެމްޕިއަންކަން ހަތަރު ފަހަރު، ފީފާ ކްލަބް ވޯލްޑްކަޕް ހަ ފަހަރު އަދި ޔޫރަޕިއަން ސުޕަ ކަޕް ފަސް ފަހަރު ކާމިޔާބުކޮށްފައި އެވެ.

މޮޑްރިޗް ވަނީ ކުރިއަށް އޮތް ފީފާ ކްލަބް ވޯލްޑް ކަޕަށްފަހު ރެއާލް މެޑްރިޑަށް ކުޅުން ހުއްޓާލާނެކަން އިއުލާންކޮށްފަ އެވެ.