މިދިޔަ އަހަރު އެލައިޑް އިންޝުއަރަންސުން އެލައިޑް ކޮމިއުނިޓީ ފަންޑުގެ ދަށުން އިޖުތިމާއީ މަސައްކަތްކުރާ ޖަމިއްޔާތަކަށް ފައިސާގެ އެހީ ދޭން ނިންމާ ކޮށްފައިވާ އިއުލާން ފެނުމާއެކު، ށ. މިލަންދޫއަށް އުއްމީދެއް ލިބުނެވެ. އެ ރަށުގައި ހިންގާ ކުޅިވަރު ޖަމިއްޔާ، މިލަންދޫ ސްޕޯޓްސް ކްލަބުން ރަށަށް ފައިދާ ހުރި، އަދި ދިގު ދެމިގެންދާ ފަދަ ހިދުމަތެއް ކޮށްދިނުމަށް އަތުކުރި އޮޅާލައި، އެލައިޑް ކޮމިއުނިޓީ ފަންޑުގެ 50،000 ރުފިޔާގެ ގްރާންޓަށް ކުރިމަތިލި އެވެ.
"[ޖަމިއްޔާގެ] ބޯޑަށް އިއްތިފާގު ވެވުނީ ރަށުގައި އަލަށް ހުޅުވާފައި ހުރި ޖިމް ބޭނުންކުރާނެ ރަނގަޅު ގޮތް ރައްޔިތުންނަށް ކިޔައިދޭން ޖެހޭ ކަމަށް. މިކަން ކުރުމަށް އަޅުގަނޑުމެން ރޭވީ އިންސްޓްރަކްޓަރެއް ގެނެސް، ޓްރެއިނިން ޕްރޮގްރާމެއް ހިންގަން. އެކަމަށް ހިނގާނެ ހަރަދުގެ ތަފްސީލެއް ހަދައި، ފީސިބަލްތޯ ބެލިން. އަދި އަޅުގަނޑުމެން ކަނޑައެޅި އަގަށް އެ މަސައްކަތް ކޮށްދޭނެ ގޮތަށް ހުރި އިންސްޓްރަކްޓަރެއް ވެސް އައިޑެންޓިފައި ކުރެވުނު،“ މިލަންދޫ ސްޕޯޓްސް ކްލަބްގެ ރައީސް އަލީ ސައީދު ވިދާޅުވި އެވެ.

މިލަންދޫ ކޮމިއުނިޓީ ސެންޓަރުން އެރަށުގައި ހިންގާ އިންޑޯ ޖިމަކީ އެރަށު ރައްޔިތުންގެ މެދުގައި މަގުބޫލު ތަނެކެވެ. ޖިމަށް ޝައުގުވެރިވެ، ގިނަ ބަޔަކު ކަސްރަތު ކުރުމަށް ގޮސް އުޅުނެވެ. ޖިމްގެ މާހައުލަށް ފަރިތަ ބައެއް މީހުން އުޅުނު ނަމަވެސް ގިނަ މީހުންނަށް ޖިމްގައި ހުންނަ މެޝިނަރީ ބޭނުންކުރާނެ ރަނގަޅު ގޮތެއް ނޭނގެ އެވެ. ޔޫޓިއުބު ޓިއުޓޯރިއަލް ބަލައިގެން ދަސްކުރި ނަމަވެސް ބައެއް އިކުއިޕްމަންޓަށް ގެއްލުން ލިބުނު ފަހަރު ވެސް އައެވެ.
"އެހެންވެ އަޅުގަނޑުމެންނަށް ފެނުނީ ޓްރެއިނަރަކު ގެނެސްގެން ޝައުގުވެރިވާ ވަކި އަދަދެއްގެ ބަޔަކަށް ތަމްރީނެއް ދެވިއްޖެނަމަ އެ މީހުންގެ ފަރާތުން ރަށުގެ އެހެން މީހުންނަށްވެސް ޖިމް ބޭނުންކުރާނެ ރަނގަޅު ގޮތް ދަސްވެ، ރަނގަޅު ގޮތުގައި މިކަން ކުރިއަށް ދާނެ ކަމަށް،" ސައީދު ވިދާޅުވި އެވެ.

އެހެންކަމުން އެލައިޑް އިންޝުއަރަންސްގެ ކޮމިއުނިޓީ ފަންޑަށް މިލަންދޫ ސްޕޯޓްސް ކްލަބުން ކުރިމަތިލި އެވެ. ކަން ދިމާކުރި ގޮތުން މިލަންދޫ ސްޕޯޓްސް ކްލަބް ވެގެން ދިޔައީ ކޮމިއުނިޓީ ފަންޑުގެ ގްރާންޓް ލިބުނު ހަތަރު ޖަމިއްޔާގެ ތެރެއިން އެއް ޖަމިއްޔާ އަށެވެ.
އެހީ ލިބުމާއެކު ޖަމިއްޔާއިން ވަގުތުން މަސައްކަތް ފަށައިގަތެވެ. ޖިމް އިންސްޓްރަކްޓަރަކު ގެނެސް ރަށުގައި ބަހައްޓައި، ދެ ހަފްތާގެ މުއްދަތަށް ގްރޫޕުތަކަށް ބަހާލައިގެން ޖިމް ޓްރެއިނިން ޕްރޮގްރާމްތައް ހިންގި އެވެ. މިކަމަށް ރަށުގެ ތަރުހީބުވެސް އެހާ ބޮޑުވި ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ. ތަމްރީނުގައި ބައިވެރިވުމަށް ހުޅުވާލި 30 ޖާގައަށް 70 އަށް ވުރެ ގިނަ މީހުން ކުރިމަތިލުމަކީ މިކަމުގެ ހެއްކެކެވެ.
އާންމުކޮށް ޖިމް ޖައްސާ އަދި ކަސްރަތަށް ޝައުގުވެރިކަން ހުންނަ 30 މީހަކު ހޮވައިގެން ދެ ހަފްތާއަށް ހިންގި މި ޕްރޮގްރާމް ވަރަށް ވެސް ކާމިޔާބެވެ. މިލަންދޫ ރައްޔިތުންގެ ތެރޭގައި މިހާރު ހަށިހެޔޮ ކަމަށް އޮންނަ ޝައުގުވެރިކަން ބޮޑުވެއްޖެ އެވެ. ރަށުގެ ކޮމިއުނިޓީ ޖިމަށް ކަސްރަތަށް ދާ މީހުންވެސް އިހުނަށް ވުރެ ގިނަވިއިރު، އެތަނުގެ ތަކެތި ބޭނުންކުރާނެ ރަނގަޅު ގޮތް އެނގޭ، އެކަންކަން އެހެން މީހުންނަށް ކިޔައިދޭން ވެސް އެނގޭ ގިނަ ބަޔަކު އުފެދިއްޖެ އެވެ.

ކަސްރަތާއި ޖިމަށް އޮތް ޝައުގު ބޮޑުވުމުގެ ސަބަބުން ޖިމް ހިންގަމުން ދިޔަ ގޮތް ވެސް އިތުރަށް ހަރުދަނާކުރުމަށް ބާރުއެޅުނު އެޅުމެއްގެ ގޮތުގައި މި ޕްރޮޖެކްޓު ވިއެވެ.
"މި ޕްރޮގްރާމަކީ ހަގީގަތުގައި [ހިންގުމަށް] ވަރަށް އެދިއެދި ހުރި ޕްރޮގްރާމެއް. މިއަށް ޕްރޮޕޯޒަލް ލައިގެން، އެލައިޑުން ފަންޑު ދިނީމަ މިހިސާބަށް މި އާދެވުނީ ވެސް. ޖަމިއްޔާތަކަށް އެންމެ ބޮޑަށް އެހީތެރިވެދޭ ބަޔަކީ އެލައިޑް ފަދަ ބޮޑެތި ކުންފުނިތައް. އެލައިޑުގެ މި އެހީތެރިކަން މިލަންދޫގެ ރައްޔިތުން ވަރަށް ބަލައިގަނޭ،“ މިލަންދޫ ސްޕޯޓްސް ކްލަބްގެ ރައީސް ވިދާޅުވި އެވެ.
އެލައިޑް އިންޝުއަރަންސުގެ ކޮމިއުނިޓީ ފަންޑާއި އެޑިޔުކޭޝަން ފަންޑަށް އެދި ހުށަހެޅުމަށް މިހާރު އޮތީ ހުޅުވާލާފަ އެވެ.