ދިވެހި އިންޑިއާގެ ގުޅުން

މަތީ ފަންތީގެ ވަފްދަކާއެކު ޚަލީލް އިންޑިއާއަށް

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރައިވަޑައިގެންފި އެވެ.

ޚަލީލްގެ މި ދަތުރުފުޅަކީ މިމަހުގެ 26 ވަނަ ދުވަހު ރާއްޖެ އާއި އިންޑިއާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ހައިލެވަލް ކޯ ގުރޫޕްގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރުގެ މި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރާއި ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ބައްދަލުވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު އެކުލަވާލި ތަސައްވަރު، "އަ ވިޝަން ފޮ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނަޝިޕް"ގައި ހިމެނޭ ކަންތައްތައް ތަންފީޒު ކުރުމާ ބެހޭގޮތުން ދެ ގައުމުގެ މެދުގައި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުން ތަކެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެގޮތުން އިގްތިސާދީ، ސިއްހީ، ޑިޖިޓަލް ފައިނޭންސިން އަދި މެރިޓައިމް ސެކިއުރިޓީ ފަދަ ދާއިރާތަކުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ. ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ ޖެނުއަރީ 29 ވަނަ ދުވަހު މާލޭ ގައެވެ.

މިނިސްޓަރު ޚަލީލްގެ މިދަތުރުފުޅުގައި އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ހާރިޖީ ވުޒާރާ، ދިފާއީ ވުޒާރާ، މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ، އިގްތިސާދީ ތަރައްގީއާއި ވިޔަފާރީއާ ބެހޭ ވުޒާރާ، ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ އިސްވެރިން ހިމެނެ އެވެ.