އެމެރިކާ

ޓްރަމްޕާއި ޕުޓިންގެ މަޝްވަރާތައް ނާކާމިޔާބުވެއްޖެ

ޔުކްރެއިންގެ މައްސަލައާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންއާ ދެމެދު ކުރެވުނު މަޝްވަރާތައް ނާކާމިޔާބު ވެއްޖެ އެވެ.

އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ރަޝިއާ އިން މިހާރު ތައްޔާރުވަމުންދަނީ ޔުކްރެއިނަށް އަމާޒުކޮށް އިތުރު ހަމަލާތައްދީ އަސްކަރީ ހަރަކާތްތައް ފުޅާކުރާށެވެ.

މި ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި ރަޝިއާ އިން ވަނީ ކުރްސްކް ސަރަހައްދުން 50،000 އަސްކަރީން ބެލްގޮރޮޑްއަށް ބަދަލުކޮށްފަ އެވެ. މިއީ ޔުކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ހާކިވް ހިފުމަށް ވަމުންދާ ތައްޔާރީއެއް ކަމަށް ބެލެވެ އެވެ.

ޖަރުމަނުގެ ނޫހެއް ކަމަށްވާ ބިލްޑްއިންވެސް ރިޕޯޓްކޮށްފައިވާ ގޮތުގައި ރަޝިއާ އަސްކަރިއްޔާއަށް ނިސްބަތްވާ ސިފައިން މިހާރު ތައްޔާރުވަނީ އިތުރު ހަމަލާތަކެއް ދިނުމަށެވެ. އަދި މި އަހަރުގެ ހޫނު މޫސުމުގައި ރަޝިއާ އިން ޔުކްރެއިންގެ އިތުރު ތިން ސަރަހައްދެއް ހިފާނެ ކަމަށް ބުނެފައިވެ އެވެ.

މި ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި ރަޝިއާ އިން ހަމަލާތަކެއްދީ ހާކިވް، ސުމީ އަދި ޑްނެޕްރޮޕެޓްރޮވްސްކް ހިފަން މަސައްކަތްކުރާނެ އެވެ.

މި ދުވަސްވަރު ޔުކްރެއިން ވަނީ އާ އޮޕަރޭޝަނެއް ފަށައި މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހާހަކަށްވުރެ ގިނަ ޑްރޯން ހަމަލާ ރަޝިޔާއަށް ފޮނުވާލާފަ އެވެ. ހަމަލާތަކަށް ޖަވާބު ދިނުމުގެ ގޮތުން އިއްޔެ ރަޝިއާ އިން ވަނީ ސަތޭކައަށް ވުރެ ގިނަ ރޮކެޓާއި، މިސައިލް ފޮނުވައި، ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ.

މި ހަމަލާތަކާއި ތައްޔާރީތަކުން ދޭހަވަނީ ޔުކްރެއިނާގެ ހަނގުރާމަ އަދިވެސް ނިމުމަކާ ހަމައަށް ނުދާނެކަމާއި، އިތުރަށް ގޯސްވެދާނެ ކަމުގެ ނުރައްކާ އޮތް ކަމެވެ.