އެފްއޭއެމް

ފައިނަލުގައި ވާދަކުރާނީ އޮޑި ސްޕޯޓްސް އަދި މާޒިޔާ

މިއަދު އަދި މިރޭ ކުޅުނު ސެމީފައިނަލް މެޗުތަކުން އޮޑި ސްޕޯޓްސް އަދި މާޒިޔާ ފުޓްބޯޅަ ކްލަބް ފައިނަލުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިފި އެވެ.

އޮޑި ސްޕޯޓްސް ފައިނަލަށް ދިޔައީ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެ 2-1 އިން މެޗުން މޮޅުވެގެންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖެހީ ނިއު އިން މޫސާ ޔާމީން (ޔާންބެ) އެވެ. އޮޑިން އެއްވަރު ކުރީ އަޝޫރް ޖެހި ގޯލުންނެވެ. އަދި މޮޅުވި ގޯލު ޖެހީ އޮޑިގެ އަހްމަދު ނޫމާން (ހެލްމެޓް) އެވެ.

މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކުޅުނު ސެމީފައިނަލްގައި މާޒިޔާ ވަނީ 1-0 އިން މޮޅުވެފަ އެވެ. މި މެޗުގެ ހަމައެކަނި ގޯލު ޖެހީ ހުސައިން ސިފާއު ޔޫސުފް އެވެ.

އެފްއޭއެމް ލީގު ކަޕުގެ ފައިނަލް މެޗް ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ. އޮޑި ސްޕޯޓްސް އާއި މާޒިޔާ ކުރިން ލީގު ބުރުގައި ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމު 1-1 އެއް ވަރުވެގެންނެވެ.

ލީގު ކަޕަކީ އެފްއޭއެމް އިން ކްލަބްތަކަށް މުބާރާތެއް ކުޅުމަށް ފުރުސަތު ފަހިކުރުމަށް ބާއްވާ ނުރަސްމީ މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވި ފަސް ޓީމުގެ ތެރެއިން ތިން ޓީމް ކަމަށްވާ - މާޒިޔާ، އޮޑި، ޓީސީ އަކީ ފުރަތަމަ ޑިވިޝަން ޓީމުތަކެވެ. ނިއު ރޭޑިއަންޓް އަދި މަހިބަދޫ ޒުވާނުންގެ ޖަމިއްޔާ އަކީ ދެވަނަ ޑިވިޝަން ޓީމުތަކެވެ.