މަސްތުވާތަކެއްޗާއެކު މީގެ ނުވަ އަހަރު ކުރިން ހައްޔަރު ކުރި ކުރީގެ ފަނޑިޔާރު އިބްރާހީމް ރަޝީދުގެ މައްޗަށް އިއްވި 15 އަހަރުގެ ޖަލު ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.
ގދ. ތިނަދޫ މެޖިސްޓްރޭޓްކަމުގެ މަގާމުގައި ކުރިން ހުރި، އެ ރަށު ގާކުރެލި، އިބްރާހީމް ރަޝީދު މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރީ، މޭ 28، 2016 ވަނަ ދުވަހުގެ ދަންވަރު 12:49 ހާއިރު އެވެ.
އޭރު ފުލުހުން ބުނި ގޮތުގައި އިބްރާހީމް ރަޝީދު މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ގދ. ތިނަދޫ ގޯލްޑްސްމިތް ދެކުނުގެ ހުންނަ ކަންމައްޗަށް ފުލުހުން ދިޔައިރު، އޭނާ އެގޭ ކުރިމަތީގައި ހުރި ވޭވް ސައިކަލަކާ ދިމާލަށް ދަނިކޮށް ފުލުހުން އޭނާ ހުއްޓުވި ވަގުތު، އޭނާގެ ވައަތުން ނަގައި އެއްލާލި ރަބަރު ޕެކެޓުގައި 0.0123 ގްރާމް ޑައިމޯފިން ހުރިކަމަށް އޭގެ ތަހްލީލް ރިޕޯޓުން ދައްކަ އެވެ.
މި ހާދިސާ ހިނގިއިރު، އިބްރާހީމް ރަޝީދުއަކީ، ގދ. ތިނަދޫ މެޖިސްޓްރޭޓެވެ.
އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް، އޭނާގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން، ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ހުށަހެޅީ އޮގަސްޓް 13، 2017 ގަ އެވެ.
ދައުލަތުން ދައުވާ ކުރި މި މައްސަލަ ސާބިތުވާކަމަށް ކަނޑައަޅުއްވައި، ކްރިމިނަލް ކޯޓުން ހުކުމް ކުރީ، އޮގަސްޓް 23، 2023 ގަ އެވެ.
ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ކުރި ހުކުމަކީ، އިބްރާހީމް ރަޝީދު 15 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 25000ރުފިޔާއިން ޖޫރިމަނާކުރުމެވެ.
ދަށު ކޯޓުގެ އެ ހުކުމް، އިބްރާހީމް ރަޝީދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގައި އެ މައްސަލަ ބެއްލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ، ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.
ހައިކޯޓުގައި މި މައްސަލަ ބެލީ، ހުޒައިފާ މުހައްމަދު، މުހައްމަދު ފައިސަލް އަދި މުހައްމަދު ޝަނީޒު އަބްދުﷲ ހިމެނޭ ބެންޗަކުންނެވެ.