ޓޫރިޒަމް

ފަތުރުވެރިންގެ އަދަދު 8 ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަށް ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް 938،488 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 868،535 ފަތުރުވެރިންނަށްވުރެ 69،953 ފަތުރުވެރިން އިތުރުވުމެކެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމު

  • ޗައިނާ - 110،711 ފަތުރުވެރިން
  • ރަޝިއާ - 101،318 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 96،275 ފަތުރުވެރިން
  • އިޓަލީ - 80،660 ފަތުރުވެރިން
  • ޖަރުމަނު - 71،973 ފަތުރުވެރިން
  • އިންޑިއާ - 52،580 ފަތުރުވެރިން
  • ފްރާންސް - 33،738 ފަތުރުވެރިން
  • އެމެރިކާ - 29،508 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް - 21،623 ފަތުރުވެރިން
  • އޮސްޓްރޭލިއާ - 17،060 ފަތުރުވެރިން

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 669،111 ފަތުރުވެރިން -- 71.3 ޕަސެންޓް ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގަ އެވެ.

ގެސްޓްހައުސްތަކުގައި 218،107 ފަތުރުވެރިން -- 23.2 ޕަސެންޓް ޗުއްޓީ ހޭދަކުރިއިރު ހޮޓާތަކުގައި 27،591 ފަތުރުވެރިން އަދި ޓޫރިސްޓް އުޅަނދުތަކުގައި 23،081 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ. މީގެ އިތުރުން އެހެނިހެން ތަންތަނުގައި 599 ފަތުރުވެރިން ޗުއްޓީ ހޭދަކުރި އެވެ.

ރާއްޖޭގައި މި ވަގުތު ފަތުރުވެރިކަމަށް 175 ރިސޯޓާއި 841 ގެސްޓްހައުސްގެ އިތުރުން 158 ސަފާރީ އުޅަނދާއި 16 ހޮޓާ ދަނީ ހިންގަމުންނެވެ.