( 22 މެއި 2025 އާ ގުޅޭ )
ވާކިފްގެ ނަޒަރު ސައިމަންއަށް ހުއްޓުނެވެ. އޭނާގެ މޫނުގެ އަސަރު އަނެއްކާ ވެސް އެހެން ކުލައެއް ޚިޔާރުކުރި އެވެ. މިފަހަރު ވާކިފްގެ ދެ ލޮލުން ފާޅުވީ ރިހުމާއި ގުޅިފައިވީ ހުސްކަމެކެވެ. އޭނާގެ އަތުގައި އޮތް ސިޓީއުރަ އަތުގެ ތެރެއަށް ބޮނޑިކޮށްލީ އެވެ. ވައަތްތިލަ ގެނެސް މޭގައި އޭނާއަށް ޖައްސާލެވުނެވެ. އިސްއޮބާލި އިރު ވާކިފްގެ ދެ ލޮލަށް ކަރުނަ ޖަމާވެއްޖެ އެވެ. އޭނާގެ ކަންފަތަށް ރަހާގެ އަޑު އިވެންފެށި ކަހަލަ އެވެ.
"ވަރަށް ވިއްސާރަ... ކުޅި އެއްޗެއް ކާލާ ކަހަލައެއްނު. ތަންކޮޅެއް އަވަހަށް މިއަދު ނާދެވޭނެތަ؟."
"ވަރަށް މިސްވެގެން މި ގުޅާލީ. ކޮންއިރަކުން ގެއަށް އަންނާނީ. ތަންކޮޅެއް އަވަހަށް ނާދެވޭނެތަ؟."
"ވާކިފް. ކޮބާ އަނގޮއްޓި؟. ގެއްލުނީތަ؟. ގެއްލުނިއްޔާ އަޅާނުލާ. އެހާ އަގުބޮޑު އެއްޗެއް ނޫންތާ އެއީ. ނަތިންގް އިމްޕޯޓެންޓް."
އެ ވާހަކަތަކަކީ ވާކިފަށް އާ ވާހަކަތަކެއް ނޫނެވެ. އެއީ ރަހާގެ އަޑެވެ. ވާކިފްގެ ދެ ލޮލުން ކަރުނަތައް އޮހެންފެށި އެވެ. އެކި ފަހަރު މަތިން ރަހާ ބުނެފައި ހުރި ވާހަކަތައް ކަންފަތުގެ ހިނދިރީގައި ގުގުމަމުން ދާ ފަދަ އެވެ. މީގެ ކުރީން ވާކިފްއަށް އެ ވާހަކަތަކަށް ސަމާލުކަމެއް ދެވިފައި ނެތެވެ. ކުޑަމިނުން ރަހާއަށް ޖަވާބު ދެވިފައި ހުރީ ވެސް ފޫހިކަމާއެކު އެވެ.
"ތިއްތި. ސްޓޮޕް އެމްބަރޭސިންގް ޔޯ ސެލްފް ހިއަރ. މަގުމަތި މީ... ތިހެން ނީނދެ ތެދުވޭ. ތިއްތި ނުވިސްނީމަ ވީގޮތެއް މީ. ރަނގަޅު ކިޔަމަންތެރި އަނތްބަކު ލިބުމުން އޭނާގެ އޯގާތެރިކަމުގައި އަގެއްނެތް. އެވަރު ނުދަތީ ތިއްތި އަމިއްލައަށް. ޔޫ ޝުޑް ހޭވް ތޯޓް އޮފް ދަ ކޮންސިކުއެންސަސް ބިފޯ ހޭންޑް. ދައްތަ ބަލި ނުވި ނަމަވެސް ކިހާ ދުވަހަކު ތިއްތިގެ ކަންތައްތަކަށް ކެތްކޮށްގެން ހުރެވޭނީ." ސައިމަން ވާހަކަދެއްކީ ކަން އޮތް ގޮތަށެވެ. އޭނާއަށް ކުށްވެރިއަކީ ވާކިފްކަން އެނގޭތީ އެވެ.
"އަހަރެން... އަހަރެން ރަހާގެ ގާތުން މަޢާފަށް އެދެން ބޭނުން. އަނބުރާ އަހަރެންގެ ގާތަށް ގެންނަން ބޭނުން." ކުރެހިފައިވީ އަޑަކުން މަޑުމަޑުން ވާކިފް ބުންޏެވެ. އެހިނދު އޭނާގެ ހިކަނދި މަސްގަނޑުގައި ހިފާލައި ކޮޅަށް ނަގަން ސައިމަން މަސައްކަތް ކުރި އެވެ. ސައިމަންގެ އެ ހަރަކާތުން ވާކިފް ކޮޅަށް ތެދުވި އެވެ.
* * * * *
ރަހާގެ ކޮޓަރީގައި ޓަކި ޖަހާލުމާއެކު އިވުނީ ޒަރަކް ގޮވާލި އަޑެވެ. ވަންނާށޭ ރަހާ ބުނެލުމުން ދޮރު ހުޅުވާލާފައި ޒަރަކް ވަދެގެން އައެވެ. ރަހާ އިނީ ދެ ފައި ދަމާލައިގެން އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެންނެވެ. ފައިކޮޅު ފޮރުވޭނޭހެން ރަޖާގަނޑު އަޅާލައިގެން އިންއިރު ރަހާގެ އަތުގައި ފޮތެއް އޮތެވެ. އޭނާ އެ ފޮތުގައި އެއްޗެއް ލިޔަނީ އެވެ.
"ކީއްކޮށްލަނީ؟." ޒަރަކް އަހާލި އެވެ.
"އަދި ނިދި ނެތީމަ އިނީ." އަތުގައި އޮތް ފޮތް ލައްޕާލައި ރަހާގެ ކައިރިން އެނދުއަރިމަތީ ހުރި ތިރި ކަބަޑުގެ މަތީ ވަތްގަނޑަށް އޭނާ ފޮތް ލައިފި އެވެ. ރަހާގެ މި ހަރަކާތް ފާހަގަވީ ކަމަށް ޒަރަކް ނުހަދަ އެވެ. އޭނާ އައިސް ރަހާގެ މަގަތުން އެނދުގެ ފައިލާކޮޅުގައި އިށީނެވެ.
"ހަމީޝް ބުނި ހުރިހާ ކަމެއް ހަމަޖެހޭނެ ވާހަކަ. މާދަމާ ކޯޓަށް އޭނާ ދާނެ." ޒަރަކް ބުންޏެވެ. އެއާއެކު ރަހާ ހަމައެކަނި ބޯޖަހާލީ އެވެ.
ހަމީޝްއަކީ ރަހާގެ ވަރީގެ ކަންތައްތައް ކުރިޔަށް ގެންދިއުމަށް އެހީތެރިވެދޭން ޒަރަކް ހޯދި ވަކީލެވެ. ޒަރަކްގެ ރައްޓެއްސެއް ކަމުގައި ހަމީޝްވެ އެވެ. ސާނަވީ ތަޢުލީމް ދެ ޒުވާނުން ނިންމީ އެއް ކުލާހެއްގައި ކަމަށްވާތީ އެވެ. ކިޔެވުން ނިންމާލުމަށްފަހު ކުރިޔަށް ދާނޭ ދާއިރާއެއް ދެ ޒުވާނުން ވެސް ޚިޔާރުކުރީ ދެ ދިމާ އިންނެވެ. ކުޅަދާނަ ޑަކްޓަރަކަށް ވާން ޒަރަކް ދަތުރު ފެށިއިރު ހަމީޝްގެ ހުވަފެނަކީ ރާއްޖޭގައި ނަން ހިނގާ ވަކީލަކަށްވުމެވެ. އެ ހަރުފަތުގެ އެންމެ އުހަށް ނޭރުނަސް ހަމީޝްގެ މަސައްކަތް ހިތްވަރާއެކު ދަނީ ކުރިޔަށެވެ. ޒަރަކް ގުޅާލުމުން އޭނާ ރަހާއަށް އެހީތެރިވާން އެއްބަސްވީ ނިކަން ފަސޭހައިންނެވެ. ޒަރަކްއަށް ޓަކައި ކޮށްދޭ ކަމެއްގެ ގޮތުގަ އެވެ.
"ބޭސް ކައިފިންތަ؟. މިރޭ ކުޑަކޮށް ހުން އެބަހުއްޓެއްނު. ފިނިވަންޏާ އޭސީ ނިއްވާލާތި. މިރޭ ހިޔެއްނުވޭ ވާރޭ ހުއްޓާލާނެހެން. މާލޭ މަގުތަކުގައި ދޯނި ދުއްވޭ ވަރަށް ފެންބޮޑުވެގެން އެބައުޅޭ." ޒަރަކް ބުންޏެވެ. ދެން ވެސް ރަހާ އަނގައިން ބަހެއް ބުނުމުގެ ބަދަލުގައި ބޯ ޖަހާލީ އެވެ. އޭނާ އެ އިނީ ބޭސް ކައިގެންކަން ބުނެދިނުމުގެ ގޮތުންނެވެ.
"އަހަރެން ވާހަކައެއް ބުނަންތަ؟." ޒަރަކް އަހާލި އެވެ.
"ކޮންވާހަކައެއް." ރަހާއަށް ބުނެވުނެވެ. އޭނާ ހިތަށް އެރީ އަނެއްކާ ވެސް ވާކިފްއާ ގުޅޭ ވާހަކައެއް ޒަރަކް ބުނަން އުޅެނީ ކަމަށެވެ.
"އަހަރެންގެ ރައްޓެއްސެއް ކެނެޑާގައި އެބަހުރި. އޭނާއަކީ އަހަރެން ގޮތަށް ކެންސަރަށް ޚާއްޞަ ޑަކްޓަރެއް. ސާޖަންއެއް ވެސްމެ. އެކޮޅުގެ މަޝްހޫރު ހޮސްޕިޓަލެއްގައި މަސައްކަތް ކުރަނީ... ރަހާ. އަހަރެން އޭނާއާ ރަހާގެ ކޭސް ޑިސްކަސް ކުރީން. އަހަރެން ބޭނުމީ ފަރުވާކުރާން އެކޮޅަށް ރަހާ ގެންދަން. މިކޮޅަށްވުރެ ޚިދުމަތްތައް ރަނގަޅުވެފައި ރިސޯސަސް ގިނަވާނެ. އަނެއްކޮޅުން މާޙައުލު ބަދަލުވީމާ ވެސް ރަހާއަށް ރަނގަޅު އަސަރުތަކެއް ކޮށްފާނެ." ޒަރަކްގެ ބުންޏެވެ.
"އަހަރެން ބޭނުމެއްނޫން." ރަހާ ވަގުތުން ދެކޮޅު ހެދި އެވެ.
"ތިހާ އަވަހަށް ނޫނެކޭ ނުބުނެބަލަ. އުންމީދު ކަނޑާލާކަށް އަދި ނުވޭ. އެކޮޅަށް ގޮސް ޓްރީޓްމެންޓް ސެޝަންތައް ނަގަން ފެށުމުން ބަދަލުތަކެއް އަތުވެދާނެ." ޒަރަކް ބުންޏެވެ.
"ޒަރަކް. ތީ ވެސް މޮޅު ޑަކްޓަރެއް. ބުނެބަލަ... އަހަރެން ރަނގަޅުވާނެތަ؟. ޒަރަކްއަށް އެނގޭނެ. ތި ހިތް ކީކޭ ބުނަނީ؟. އަހަރެން ރަނގަޅު ކުރެވިދާނެތަ؟." ރަހާ ބުންޏެވެ.
"ރަހާ ތި ބަލިން އަރައިނުގަންނާނޭ ކަމުގެ އެއްވެސް އުންމީދެއް ނެތީއެއްނޫން. ފަރުވާތައް ފަށަނިކޮށް ރަހާއާ ގުޅޭ ފަރުވާއަކާ ދިމާވެދާނެ. އެހެންވެ ޓްރައި ކުރަންވީ." ޒަރަކް މިހެން ބުންޏަސް އޭނާއަށް ރަހާއާ ހަތަރުކަޅި ހަމަކޮށްގެން އިނދެ ވާހަކައެއް ނުދެއްކުނެވެ. ރަހާގެ ނަޒަރު އަމާޒުވެފައިވާއިރު އެ ދެ ލޮލަށް ބަލަން އިނދެ ޔަޤީންނުވާކަމެއްގެ ވާހަކަ ދައްކަން ޒަރަކްއަށް ދަތިވީ އެވެ.
"ޒަރަކް. އަހަރެންނަށް ޓަކައި ކަމެއް ކޮށްދޭނަމަ، އަހަރެން ލައްވާ ގަދަކަމުން އެއްވެސް ކަމެއް ކުރުވަން މަސައްކަތް ނުކޮށްފާނަންތަ. ކީމޯ ތެރަޕީއަކީ ވޭން ހުރި ކަމެއް. ހަމައެއާއެކު ބޯންމެރޯ ޕަންޗަރ ވެސް... ހީމޯޑަޔަލިސިސް ހަދާއިރު އެހާ އުނދަގޫވޭ. އެކަމަކު ވެސް ހިތްވަރު ކުރީން... ތަދާއި ވޭނަށް ކެތްކުރަމުން އައީ. ޚުދު އަހަރެން ވެސް އަޑު އެހީން ކެންސަރ ޕޭޝަންޓުން ނަގާ ޓްރީޓްމެންޓް ތަކުގެ ވާހަކަ. ހިތައް ކުޑަކޮށް ވެސް ތަސައްވުރު ނުކުރެވޭ އެއީ ކިހާ ވޭންހުރި ފަރުވާތަކެއްކަން. ޒަރަކް... އަހަރެންނަކީ ޑަކްޓަރެއްނޫން. އެހެންވިޔަސް އަހަރެންނަށް ވެސް ދެނެގަންނަން އެނގޭ އަހަރެންނަށް އެ ފަރުވާތަކުން ކުރިއެރުމެއް ނުލިބޭކަން. އަހަރެންގެ ހަށިގަނޑު ބަލިކަށިވަމުން މިދަނީ. ޒަރަކް ބޭނުމީ އަހަރެންގެ އެންމެ ފަހު ދުވަސްތައް ހޮސްޕިޓަލުގެ އެނދެއްގައި އޮވެ ނިމިގެންދާންތަ؟. އެންމެ ފަހު ވަގުތުގައި ވެސް އަހަރެންގެ ހަށިގަނޑަށް އަރާމެއްނުލިބި ހިތްހަމަޖެހުމެއް ނުލިބި ގަޔަށް ގުޅާފައި އޮންނަ ތޫނު ކަށިތަކުގެ ވޭނުގައި ގޮތް ހުސްވެފައި އޮވެ ނިމިގެން ދާންވީތަ؟." ރަހާގެ އަޑުގައި މާޔޫސްކަމާއިއެކުވެފާ ރިހުމެއްވި އެވެ. ޒަރަކްގެ ހިތް ގެނބިގެން ދިޔަ ފަދަ އެވެ. އޭނާއަށް ރަހާގެ ކަނާއަތްތިލައިގައި ދެ އަތުން ހިފާލެވުނެވެ. ހިމާޔަތްކުރާފަދައަކުން ދެ އަތްތިލައިގެ ތެރޭ ރަހާގެ އަތްތިލަ އޭނާ ފޮރުވާލި އެވެ.
"މައި ޑިއަރ... ބަލި ބޮޑުވާވަރަކަށް ފަރުވާއެއް ނުނަގާ ހުރުމަކީ ވެސް ތަދުތަކާއި ވޭން ބޮޑުވާނެ ކަމެއް. އަހަރެންނަށް ބަލަން ފަސޭހައެއްނޫން ރަހާ ވޭނުގައި އުޅޭތަން." ޒަރަކް މަޑުމަޑުން ބުނެލި އެވެ. އޭނާގެ ހިތުގެ އަޑުކަން އެއީ ރަހާގެ ޟަމީރު ވެސް ދެނެގަތެވެ.
"ޒަރަކްއަށް އެނގޭތަ. އުޑު ފެންނަ ހިސާބަށް ނުކުމެ، އަތިރިމަތީ ހިނގާލައި... އެހެން މީހުން އުޅޭނޫޅޭ ގޮތް ލޮލަށް ފެނި، ޖިންޖަރ އައިސް އަހަރެންގެ އުނގަށް އަރާ އަޑު ލައްވާލަލައްވާލާ އޮންނައިރު... މި ހުރީ ހައްތަހާ ވެސް އަހަރެންނަށް އެކަމުން ހިތްހަމަޖެހުން ލިބޭ ކަންތައް. އެ ވަގުތުތައް އަހަރެން ހޭދަކުރީ ވޭނުގައެއްނޫން. ބަލިކަމުގެ އިޙްސާސް ކުޑަވި. ޕްލީޒް ޒަރަކް. އަހަރެންނަށް ކަމެއްކޮށްދެންޏާ އަހަރެންގެ ފަހު ދުވަސްތައް ހިތްހަމަޖެހުމާއި ހިމޭންކަމާއެކު ހޭދަވިޔަ ދީ. އަހަރެންނަށް ތިގޮތަށް އެކުވެރިއެއްގެ ގޮތުގައި ހުރެ ދިނަސް ފުދި އިތުރުވާނެކަން ޔަޤީން." ރަހާ ބުންޏެވެ.
"ނޯ..." ޒަރަކްއަށް ބުނެވުނެވެ.
"ކީއްވެ؟. ޒަރަކް އަހަރެންގެ ނުގަބޫލުގައި ހޮސްޕިޓަލަށް ގެންދަންތަ ތި ވިސްނަނީ. ކެން ޔޫ ފޯސް މީ ޓު ޑޫ ކިމޯތެރަޕީ. ކެން ޔޫ ފޯސް މީ ޓު ޓޭކް ދަ މެޑްސް... ޑޫ ޔޫ ހޭވް ޓު ސީ މީ ބީން ޓޯޗަރޑް ލައިކް ދެޓް." ރަހާގެ އަޑުގައި ހިސާބެއްގެ ހިތްހަމަނުޖެހުންވި އެވެ. އެހެންވިޔަސް އޭނާގެ ނަފްސު ހިމޭންކުރުވީ ޒަރަކްގެ ދެ ލޮލުގައި ހިފެހެއްޓިފައި ހުރި ކަރުނަ ފެނިފަ އެވެ. އޭނާގެ މޫނުމަތިން ރޯން ބޭނުންނުވެ ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރާ ކަމުގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ.
"އައި ލަވް ޔޫ." އިސްއޮބާލުމާއެކު ޒަރަކް ވައި އަޑުން ބުނެލި އެވެ. ރަހާއަށް އެ އަޑު އިވުނެވެ. ހަމައެއާއެކު ޒަރަކްގެ ދެ ލޮލުން ފޭދިގެން ތިރިއަށް ރޮނގެއްހެން ދެމިގަތް ކަރުނަ ތިކި ވެސް ރަހާ ދުށްޓެވެ.
"ކީއްވެތަ އަހަރެންނަށް ރަހާ ކުރީން ބައްދަލުނުވީ. އެހެންނަމަ އަހަރެން ރަހާ ހޯދީމުސް. އަހަރެންގެ ހައްޤަކަށް ހެދީމުސް... އުފާވެރިކަމުގެ ކަރުނަ ނޫނީ ތި ދެ ލޮލުން އަޔަ ނުދޭނަން. ﷲއަށް ޝުކުރުވެރިވެ ރަހާ ހެޔޮ ހާލުގައި ލެއްވުން އެދި އަބަދުމެ ދުޢާ ކުރުން މަތީ އަހަރެން ހުންނާނީ. އަހަރެންނަށް ދުވަހަކުވެސް ރަހާ ގެއްލޭފަދަ ކަމެއް މެދުވެރި ނުކުރެއްވުމަށް ވެސް ދަންނަވާނަން..."
"ޒަރަކް... ޒަރަކް... ބަލާބަލަ... އޭތް..." ޒަރަކްގެ ވާހަކަ ހުއްޓުވަމުން އޭނާގެ މޫނުގައި ރަހާ އަތްތިލަ ޖައްސާލި އެވެ. އިސްއުފުލައި ރަހާއަށް ބަލާލަން އޭނާ އެދެންފެށި އެވެ. އެހެންވިޔަސް ޒަރަކްއަށް ރޮވޭތީ ރަހާއާ ކުރިމަތިލާން އޭނާ ބޭނުންނުވަނީ އެވެ. އެނދުމަތިން ތެދުވެ ޒަރަކް އެއްފަރާތަށް ހިނގައިގަތީ ރަހާއަށް ފުރަގަސްދެމުންނެވެ. އޭނާ ދުރުގައި ހުއްޓިލުމާއެކު މޫނުގައި ދެ އަތް އެޅިތަން ރަހާ ދުށްޓެވެ. މަޑުމަޑުން އެނދުން ފައިބައިގެން ރަހާ އައެވެ. ޒަރަކްގެ ގާތުގައި މަޑުކޮށްލުމާއެކު އޭނާގެ ބުރަކަށީގައި ރަހާ ފިރުމާލި އެވެ.
"ޖާހިލުން ދައްކާ ފަދަ ވާހަކަ ނުދައްކާ. ޒަރަކްއަކީ އެޔަށްވުރެ ހަރުދަނާ ވިސްނުންތަކެއްގެ ވެރިޔެއް. އަހަރެމެން އިންސާނުން އެދޭ ގޮތަށް ކަންތައްނުވާ ފަހަރު ވެސް އަންނާނެ. އަހަރެމެންނަށް ހުރި ހެވެއް އަދި އަހަރެމެންގެ މައްޗަށް ހުރި އިމްތިހާނެއް ވިޔަސް... ﷲ ވަނީ ހުރިހާކަމެއް މޮޅަށް ރާއްވަވާފައި. މިހެންވީނަމައޭ ނޫނީ އެހެންވީނަމައޭ ނުކިޔާ. މަރުވެދާނެތީ އަހަރެން ބިރެއް ނުގަނޭ. އެކަމަކު ބިރުގަންނަނީ އަހަރެންގެ ޢަމަލުތަކާއި މެދު. މަރުގެ ވަގުތު މިހާ ކައިރިވެފައިވާއިރު އަހަރެން ދުޅަހެޔޮކަން މަތީ ހުރެ ދުނިޔޭގެ ދުވަސްތައް ހޭދަކުރި ގޮތާމެދު ވިސްނެނީ. ﷲ ގެ މަތިން ހަނދުމަވެ ދީނީ ކަންކަމުގައި ހިފެހެއްޓެން ފެށުނީ އަހަރެންގެ ދިރިއުޅުމަށް ހީނުކުރާ ފަދަ ސުނާމީއެއް އައި ހިނދު. އެ މުސީބާތަކީ އޭނާގެ ވެރި އިލާހާ ގާތްކޮށްދިން މުސީބާތެއްނަމަ އެއީ އޭނާގެ މައްޗަށް ލެއްވުނު ރަޙުމަތެއްކަން ޔަޤީން. ކެތްތެރިވުން އޮތީ. ޒަރަކް... ތިހެން އަހަރެންނަށް ޓަކައި ކަރުނަ ނާޅާ. ތި ކަރުނައިގެ އަގު އަހަރެންގެ މައްޗަށް ދަރަންޏެއްކަމުގައި ވިޔަ ނުދީ. އަހަރެމެން ދެ މީހުންނަށް ﷲ ލިޔުއްވާފައިވަނީ ކީކޭކަން އަހަރެންނަކަށް ވެސް ނޭނގެ. ގައިމު ވެސް ބައްދަލުވީތީ އުފާކުރަން." ރަހާގެ އަޑުގައި ޒަރަކްގެ ހިތަށް ފިނިކުރުވާފަދަ އޯގާތެރިކަމަކާއި މަޑުމައިތިރިކަމެއްވި އެވެ. އޭނާ ދެ އަތުން ދެ ލޮލާއި މޫނު ފުހެލާފައި ނޭފަތް އެތެރެއަށް ދަމާލި އެވެ. އަދި އެނބުރި ރަހާއަށް ބަލާލި އެވެ. ރަހާގެ ކުޑަކުޑަ މޫނާ ހަމައަށް ޒަރަކް ދެ އަތް އުފުލާލި އެވެ. އެ ދެ ލޮލުން އިމެއްނުވާހާ ކުލުންވެރިކަން ސިއްރުކުރުމެއްނެތި ފާޅުވޭވޭ ހުއްޓެވެ. ރަހާގެ ނަޒަރު ވެސް ހުރީ ޒަރަކްއާ އަމާޒުވެފަ އެވެ. މޫނުގައި ހިފާލަން ޒަރަކް އުޅެނީއޭ ރަހާއަށް ހީކުރެވުނެވެ. ނަމަވެސް އޭނާގެ މޫނާ ދާދި ގާތުގައި ދެ އަތްތިލަ ބަހައްޓާލުމަށްފަހު ޒަރަކް ދެ އަތް ތިރިކޮށްލީ އެވެ. އެހިނދު އޭނާގެ ތުންފަތަށްވެރިކޮށްލީ މާނަވީ ހިނިތުންވުމެކެވެ. އެ ހިނިތުންވުން ރަހާގެ ހިތަށް ހެރުނު ކައްޓެއް ފަދަ އެވެ.
"ކީއްވެ؟. ކީއްވެ ޒަރަކް؟... ހެޔޮނުވާނެ... ތިހާ ލޯބިނުވޭ." ރަހާގެ ހިތުގެ އެންމެ އަޑިން ގޮވާލި ފަދަ އެވެ. އޭނާގެ ޟަމީރު ވެސް ރޯލި އެވެ.
ދެ ދުވަސް ފަހެވެ. ސިޓިންރޫމުގައި ހުޅުވާފައި ހުރި ކުޑަދޮރު ކައިރީ ލެނގިލައިގެން ޒަރަކް ހުރީ ގޯތިތެރެއަށް ނަޒަރު ހުއްޓާލައިގެންނެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭ އަސްކަނިން ފައިބާ ބިންމަތީގައި ކޯރު ހަދަމުންދާ މަންޒަރު ފެނެ އެވެ. ފިނި ހެނދުނަކަށްވީތީ ޒަރަކްގެ އަތުގައި އާވި އަރައަރާ ހުރި ކޮފީ ޖޯޑެއް އޮތެވެ. އެއިން ދޭތެރެއަކުން އެތި ފޮދެއް ބޯލަ އެވެ. އޭނާގެ ސަމާލުކަން ކުއްލިއަކަށް އަތުލީ ބޭރު ދޮރޯށި ހުޅުވުނީމަ އެވެ. އެގެއަށް އެވަގުތު ވަންނާނެ މީހަކު ނުހުންނާނޭކަން ޒަރަކްއަށް ޔަޤީންވާތީ އެވެ. ހަލުވި ފިޔަވަޅުގައި ޒަރަކް ނުކުންނަން އުޅުނެވެ. އެހިނދު ވާރޭއިން ސަލާމަތްވާން ދުވެފައި އައިސް ސިޓިންރޫމަށް ވަންތަން ފެނުނީ ޒަރަކްގެ ބޭބެ ޒިދާނެވެ. ލިބުނު ހައިރާންކަމާއެކު ޒަރަކްއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ބޮލާއި ގައިން ފެންފޮޅާލަމުން ޒިދާންގެ ނަޒަރު ޒަރަކްއަށް ހުއްޓުނެވެ. އޭރު އޭނާގެ މޫނުގައިވަނީ ސީރިއަސްކަމެވެ.
"ދޮންބެ. ކިހިނެއްވީ މިކޮޅަށް ތިއައީ." ޒަރަކްއަށް ވަގުތުން ސުވާލު ކުރެވުނެވެ.
(ނުނިމޭ)