ރާއްޖެއިން ހައްޖަށްދާ ދިވެހިންނަށް މުޅިން އަލަށް ތައާރަފްކުރާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު ރަސްމީކޮށް އިފްތިތާހްކޮށްދެއްވައިފި އެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެއިން ބައިވެރިވުން އިފްތިތާހްކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއް ގައެވެ.
މިރަސްމިއްޔާތުގައި މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީގެ ދާހިލީ ވަޒީރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލްއަޒީޒު އަލްޔަހްޔާއާއި، ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީއާއި، ފޮރިން މިނިސްޓްރީއާއި، އިމިގްރޭޝަންގެ މަތީފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިރަސްމިއްޔާތުގައި ވަނީ ސައުދި އަރަބިއްޔާއަށް ދިއުމަށް ހަތަރު ހައްޖުވެރިއަކަށް ޕާސްޕޯޓްވެސް ހަވާލުކޮށްފަ އެވެ. އެގޮތުން ފުރަތަމަ ހާޖީއަށް ޕާސްޕޯޓް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ. ދެވަނަ ހާޖީއަށް ޕާސްޕޯޓް ހަވާލުކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
މިރަސްމިއްޔާތަށްފަހު ރައީސް ވަނީ މިއަދު ހައްޖަށް ފުރި ފުރަތަމަ ގުރޫޕްގައި ހިމެނޭ 234 ހައްޖުވެރިންބާ ބައްދަލުކުރައްވާ އަލްވަދާއު ވިދާޅުވެފަ އެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމެނުމަށް ސައުދީ ސަރުކާރުން ނިންމީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މައްކާ ރޫޓު އިނީޝިއޭޓިވްގައި ރާއްޖެ ހިމަނާފައިވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ އިރުޝާދުގެ ދަށުން މިކަމުގައި ގައުމުތައް ކަނޑައެޅުމަށް ނިންމާފައި އޮންނަ ހުރިހާ ޝަރުތުތަކަކުން ރާއްޖެ އިސްތިސްނާކޮށް ހާއްސަ ކަމެއް ދީގެންނެވެ.
މައްކާ ރޫޓް އިނީޝިއޭޓިވްގެ ތެރެއިން ހަމަޖެހިގެންދާނެ ހިދުމަތްތައް
- ހައްޖުވެރިންގެ ބައޯމެޓްރިކް ޑޭޓާ އެއްކުރެވި، އިލެކްޓްރޯނިކް ހައްޖު ވިސާ ލިބޭނެގޮތް މެގުފަހިވެ، ހައްޖުވެރިންގެ ސިއްހީ ނިޒާމާއި، ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަން ކަށަވަރުވުން.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހައްޖުވެރިން ފުރުމަށްދާ ޓާމިނަލްގައި ފޮށިތަކުގައި ޓެގު ޖަހައި، ހައްޖާޖީންގެ ނަމުގައި ފޮށިތައް ރެޖިސްޓާ ކުރެވި، ބޯޑިން ޕާސް ވަގުތުން ލިބޭނެގޮތް މެގުފަހިވުން.
- މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން އެއާޕޯޓުގައި މިކަމަށް ހާއްސަކޮށް ކަނޑައަޅާފައިވާ ޓާމިނަލްގެ ޕާސްޕޯޓްސް ޓީމު މެދުވެރިކޮށް، ސައުދީއަށް އެތެރެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން ނިންމާ، ޖިއްދާ އަދި މަދީނާއަށް ދިއުމަށް ފުރާ ޓާމިނަލްއަށް ވަގުތުން ގޮސް، މަޑުނުކޮށް ބޯޓަށް އެރޭނެ ނިޒާމު ގާއިމުވުން.
- މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުން ސައުދީ އަރަބިއްޔާ އެއާޕޯޓުގައި ހައްޖުވެރިންނަށް ކަނޑައަޅާފައިވާ ޓާމިނަލްއަށް އައުމާއެކު، ހައްޖުވެރިންނަށް ހަމަޖައްސާފައިވާ ހޮޓަލަށް ވަގުތުން ދެވޭނެ އިންތިޒާމު ހަމަޖެހުން.
- ހައްޖުވެރިންގެ ފޮށިތައް އެއަޕޯޓުން ލިބެންދެން އެރައިވަލް ޓާމިނަލްގައި ހައްޖުވެރިން މަޑު ކުރުމަކާ ނުލައި، ފޮށިތައް ހައްޖުވެރިން ތިބޭ ހޮޓަލަށް ސީދާ ރައްދުކޮށްދިނުން.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ހިމެނުމަކީ ރާއްޖޭގެ ހައްޖުވެރިންނަށް ލިބިގެންދިޔަ ތާރީހީ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
"ރާއްޖެއަށް މި ފުރުސަތު ލިބިގެން ދިޔުމަކީ ސައޫދީ އަރަބިއްޔާ އިން ރާއްޖޭގެ ރައްޔިތުންނާ މެދު ދެކޭ އަޚުވަންތަ ގާތްކަން ރަމްޒުކޮށްދޭ ކަމެއް. މި ފުރުސަތުގައި ސައުދީގެ ރަސްގެފާނާއި ހައްޖު މިނިސްޓަރާއި އިންޓީރިއާ މިނިސްޓަރަށް ޝުކުރު އަރިސްކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގައި މިހާތަނަށް ހިމަނާފައިވަނީ ރާއްޖޭގެ އިތުރުން މެލޭޝިއާ، އިންޑޮނޭޝިއާ، ޕާކިސްތާން ފަދަ ހައްޖުވެރިން އެންމެ ގިނަ ގައުމުތަކެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގެ ހައްޖާއި އުމްރާގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދައިދިނުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން އިސްލާމިކް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.