"ޑޮނޭޓް އޮން ދިރާގުއެޕް" ޕްރޮގްރާމް މެދުވެރިކޮށް ލިބުނު 230،380 ރުފިޔާ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ދިރާގުން ހަދިޔާކޮށްފި އެވެ.
މި ޑޮނޭޝަން މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، ޑރ. އައިޝަތު ޝިހާމްއާ ރަސްމީކޮށް ހަވާލުކޮށް ދެއްވީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ.
ދިރާގުން ބުނީ މި ޑޮނޭޝަންގެ ތެރޭގައި ދިރާގުން ހަދިޔާކުރި 150،000 ރުފިޔާގެ އިތުރުން ރަމަޟާން މަހު ދިރާގުއެޕް މެދުވެރިކޮށް އާންމުންގެ އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ ފައިސާ ހިމެނޭ ކަމަށެވެ.
މި ޑޮނޭޝަން ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަށެވެ. ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަކީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓާސް (އެފްސީއެސްސީ) މެދުވެރިކޮށް ދައުލަތުގެ ދަށުން ކުދިން ބަލަހައްޓާ ހާއްސަ ހިޔާތަކެވެ.
މި ގޮތުން، ފިޔަވައްޗަކީ މާލޭ ސަރަހައްދަށް ނިސްބަތްވާ ކުދިންނަށް ހާއްސަކޮށްފައިވާ ހިޔާއެވެ. އަދި، އަމާން ވެށި އަދި އަމާން ހިޔާގައި ތިބެނީ ރާއްޖޭގެ އެހެން ހުރިހާ ކަންކޮޅުތަކަށް ނިސްބަތްވާ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ކުދިންނެވެ.
މި ޑޮނޭޝަންގެ އެހީގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ދުޅަހެޔޮކަމާއި ތަރައްގީއަށް މިނިސްޓްރީން ކަނޑައަޅާ މުހިއްމު ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިރާގުން ދަނީ އެ ކުންފުނީގެ ސީއެސްއާރުގެ މުހިންމު ބައެއް ކަމުގައިވާ "އިންކްލޫޝަން"ގެ ދަށުން ކުޑަކުދިންގެ މުސަތަގުބަލަށް ހެޔޮ ބަދަލުތައް ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި ގޮތުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތައުލީމީ ބޭނުންތައް ފުއްދައިދިނުމަށް އެހީތެރިވުމުގެ ގޮތުން ދިރާގުން ދަނީ މުޅި ރާއްޖޭގެ ހުރިހާ އަމާން ވެށި އަދި އަމާން ހިޔާތަކަށް ދިރާގު ހައި-ސްޕީޑް އިންޓަނެޓް ފޯރުކޮށްދެމުންނެވެ.