ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފްލޯގެ ކުޑަދޮރަކުން މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް (21 އ) ބަންދުން ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ ޒިލާލްގެ މައްޗަށް ދައުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު އޭނާ ބަންދުން ދޫކޮށްލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިރުޝާދު ދީފައިވާތީ ރޭ ރައުދު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
ރައުދުގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުންގެ އިދާރާ އިން މިދިޔަ ހޮނިހިރު ދުވަހު އެދިފައިވާ ކަމަށް ޕީޖީ އޮފީހުން ޔަގީންކޮށްދެ އެވެ. އަދި 15 ދުވަސް ތެރޭ ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށްވެސް ބުންޏެވެ.
ރައުދު އެންމެ ފުރަތަމަ ހައްޔަރުކުރީ މިދިޔަ އޭޕްރީލް 24 ވަނަ ދުވަހު އެވެ. ނަމަވެސް މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބަންދުން ދޫކޮށްލުމަށްފަހު ހަމަ އެ ދުވަހުގެ ހަވީރު އަލުން ހައްޔަރުކުރި އެވެ. ރައުދު މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު ދޫކޮށްލީ ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތަކެއް ހުރުމުން ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު ތަފްސީލެއް ނުދެ އެވެ.
ރައުދު އަލުން ހައްޔަރުކޮށް އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރަން މިމަހުގެ 23 ވަނަ ދުވަހު އަމުރުކޮށްފައިވެ އެވެ.
ރައުދު މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު ދޫކޮށްލީ އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރިން ނެރުނު އަމުރެއް ރައުދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި ފަހުންނެވެ.
ރައުދު އެންމެ ފުރަތަމަ ހައްޔަރު ކުރި ފަހަރު ކްރިމިނަލް ކޯޓުން ވަނީ ހަތަރު ފަހަރަށް އޭނާގެ ބަންދަށް މުއްދަތު ދީފަ އެވެ. އެއީ:
- 25 އޭޕްރީލްގައި ފަސް ދުވަސް
- 30 އޭޕްރީލްގައި 10 ދުވަސް
- 10 މެއިގައި ފަސް ދުވަސް
- 15 މެއިގައި 20 ދުވަސް
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ރައުދު ހައްޔަރުކުރުމަށް އެންމެ ފުރަތަމަ ކޯޓުގައި އަމުރަކަށް އެދުނުއިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތުވެސް ކޮށްފައިވެ އެވެ.
ރައުދު މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ހައްޔަރުކުރީ އާންމުންގެ ފާޑު ކިޔުން ބޮޑުވެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުންނެވެ.
ޔުމްނު ވެއްޓުނު ދުވަހުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ރައުދު ގެންގޮސް ސުވާލުކޮށް އޭނާގެ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމަށްފަހު ދޫކޮށްލި އެވެ.
ފުލުހުން އެ ދުވަހު އޭނާ ދޫކޮށްލިއިރުވެސް ކުޑަކަމުންދާ ތަކެތި ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެސް ވެފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާގެ ކުރިން މާލޭގެ ދެ ގެއެއްގައި މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ޔުމްނު އާއި ރައުދު ހިމެނޭހެން ޖުމްލަ ނުވަ މީހަކު މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރުމުގެ ކަންތައްތަކެއް ހިންގާފައިވާ ކަން ފުލުހުން ކުރިން ދިން މައުލޫމާތުން އެނގެ އެވެ.
ޔުމްނުގެ ހަށިގަނޑުންވެސް ފުލުހުން ނެގި ސާމްޕަލް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފަ އެވެ. ދެން ތިބި މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމަށް އެދުމުން އެމީހުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އެހެންވެ ފުލުހުން އޭރު ވަނީ އެ މީހުންގެ ސާމްޕަލް ނުނަގާ ދޫކޮށްލާފަ އެވެ. ނަމަވެސް ފުލުހުން ފަހުން ބުނީ މި މައްސަލައިގައި ހިމެނޭ އެންމެން އަލުން ދެނެގަނެ އެ އެންމެންގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އެ މީހުން ފުރުން މަނާކޮށްފައިވާ ކަމަށްވެސް ބުންޏެވެ.