ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް މިއަހަރުގެ މާޗް މަހާއި އަޅާބަލާއިރު އެޕްރީލް މަހު ދަށަށް ގޮސްފި އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމު ކުރި މުދަލާއި ހިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުގައި މާޗް މަހާއި އަޅާބަލާއިރު އެޕްރީލް މަހު އިންފްލޭޝަން ރޭޓް ހުރީ 0.50 ޕަސެންޓް ދަށުގަ އެވެ.
ކަނޑުމަހުގެ އަގަށް އައި ބަދަލު ނުހިމަނައި މި އަދަދު ހުރީ 0.62 ޕަސެންޓް ދަށުގަ އެވެ.
ސީޕީއައި ރިޕޯޓަށް ބަލާއިރު އަގުތައް އެންމެ ބޮޑަށް ދަށަށް ދިޔައީ މޭވާ އާއި ތަރުކާރީގެ އަގުތަކެވެ.
އަގުތައް ދަށަށް ދިޔަ ބާވަތްތައް
- މޭވާ - 9.43 ޕަސެންޓް
- ތަރުކާރީ - 7.46 ޕަސެންޓް
- ކަރަންޓު - 3.56 ޕަސެންޓް
- ސައިކަލު - 1.40 ޕަސެންޓް
- އަންނައުނު - 0.61 ޕަސެންޓް
- ރެސްޓޯރަންޓް، ކެފޭ - 0.16 ޕަސެންޓް
އަގުތައް އުފުލުނު މުދަލާއި ހިދުމަތްތަކުގެ ތެރޭގައި ކަނޑު މަހާއި ވައިގެ ދަތުރުފަތުރު ހިމެނެ އެވެ.
ކަނޑުމަހުގެ އަގުތައް 1.75 ޕަސެންޓް އުފުލުނުއިރު ވައިގެ ދަތުރުފަތުރުގެ އަގުތައް 1.50 ޕަސެންޓް ބޮޑުވި އެވެ.
މީގެ އިތުރުން ކަނޑުދަތުރުފަތުރުގެ އަގުތައް 0.51 ޕަސެންޓް އަދި ގޭގައި ބޭނުންކުރާ އެޕްލަޔަންސްގެ އަގުތައް 3.33 ޕަސެންޓް ވަނީ ބޮޑުވެފަ އެވެ.