ލިވަޕޫލް

ލިވަޕޫލްގެ ޕެރޭޑް ތެރެއަށް ކާރެއް ވަނުމުން ގިނަ ބަޔަކަށް އަނިޔާވެއްޖެ

ލިވަޕޫލް ފުޓްބޯޅަ ކުލަބުން އިނގިރޭސި ޕްރިމިއަ ލީގު ކާމިޔާބުކުރުމާ ގުޅިގެން ބޭއްވި ކާމިޔާބީގެ ޕެރޭޑަށް ކާރެއް ވަނުމުން 27 މީހުންނަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެ އެވެ.

މީގެ ތެރޭގައި ކުޑަކުއްޖަކާއި ބޮޑު މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ސިއްހީ އިދާރާތަކުން މައުލޫމާތު ދީފައިވެ އެވެ.

މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު، އިނގިރޭސިވިލާތުގެ އުތުރު-ހުޅަނގު ސަރަހައްދުގައި އޮންނަ ލިވަޕޫލް ސިޓީ ގައެވެ.

ލިވަޕޫލް ކުލަބުގެ 20 ވަނަ ލީގު ޗެމްޕިއަންކަން ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް އެތައް ސަތޭކަ ސަޕޯޓަރުން މަގުތަކަށް ޖަމާވެ، ރަތް ދިދަތަކާއި ފްލެއަތައް ހޫރަމުން ދަނިކޮށް، ހުޅުވާލެވިފައިވާ ބަހެއްގައި ކުޅުންތެރިން ދަތުރުކުރަމުން ދިޔަ އެވެ. އެވަގުތު 53 އަހަރުގެ ދޮން ނަސްލުގެ އިނގިރޭސި ފިރިހެނެއް ކަމަށް ބެލެވޭ މީހަކު ވަނީ ކާރެއްގައި އެތަނަށް ވަދެގެންފަ އެވެ. އެ މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ނޯތު ވެސްޓް އެމްބިއުލަންސް ސާވިސް އެންއެޗްއެސް ޓްރަސްޓުގެ ވެރިޔާ ޑޭވިޑް ކިޗިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ ޖުމުލަ 27 މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

މަސީސައިޑް ފަޔަ އެންޑްންޑް ރެސްކިއު ސާވިސްގެ ޗީފް ފަޔަ އޮފިސާ ނިކް ސާލް ވިދާޅުވި ގޮތުގައި މިހާދިސާއާ ގުޅިގެން ހަތަރު މީހަކު ވެހިކަލްގެ ދަށުންވެސް ނަގަން ޖެހުނެވެ. އަދި އިތުރު 20 މީހުންނަށް ކުދިކުދި އަނިޔާތަކަށް ފަރުވާ ދޭން ޖެހުނު ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުގައި ފެންނަނީ ގްރޭ ކުލައިގެ މިނިވޭނެއް ގޮސް ރަތްކުލައިގެ ޖާޒީ ލައިގެން ތިބި ސަޕޯޓަރުންތަކެއްގެ ގަޔަށް އަރާ މަންޒަރެވެ. އަދި އޭގެ ފަހުން ރުޅިއައިސްފައިވާ ބަޔަކު ވެހިކަލް ވަށައިގެން ޖަމާވެ، އެ ވެހިކަލަށް ގެއްލުންދީ ހަމަލާދެމުންމުންދާ މަންޒަރު ފެނެ އެވެ.

ލިވަޕޫލް ސިޓީ ކައުންސިލުގެ މޭޔަރު ޖޯއަން އެންޑަސަން މި ހާދިސާއާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ ސިޓީގައި ހިނގި ހިތާމަވެރި ހާދިސާއާއި ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ލިވަޕޫލް ފުޓްބޯޅަ ކުލަބުންވެސް މި ހާދިސާއާ ގުޅިގެން ބަޔާނެއް ނެރެ އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ބުނެފައިވެ އެވެ. އަދި މި ހާދިސާގެ ސަބަބުން ކުލަބުގެ ކާމިޔާބީގެ ފާހަގަކުރުންތައް ހުއްޓާލާފައިވާ ކަމަށްވެސް ބުންޏެވެ.