ހައްޖު މަހުގެ ހަނދު ސައުދީ އަރަބިއްޔާއަށް މިރޭ ފެނުމާ ގުޅިގެން މާދަމާ އަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމުގައި ކަނޑައަޅައިފި އެވެ.
ސައުދީ ސަރުކާރުން މީގެއިރުކޮޅެއް ކުރިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ހައްޖު މަހުގެ ހަނދު މިރޭ ފެނުމާ ގުޅިގެން މާދަމާ އަކީ މި އަހަރުގެ ހައްޖުގެ މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. އެހެންކަމުން މިއަހަރުގެ ޖޫން ފަހެއްވާ ބުރާސްފަތި ދުވަހަކީ އަރަފާތު ދުވަހެވެ. އަދި ބޮޑު އީދު ދުވަހަކީ ޖޫން ހައެއްވާ ހުކުރު ދުވަހެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސައުދީގެ ނިންމުމާ އެއްގޮތަށް ރާއްޖޭން އަމަލުކުރާނެ ކަމަށެވެ.
ރާއްޖެއިން މިއަހަރު ހައްޖަށް ދާ 1،000 މީހުންގެ ތެރޭގައި ހިމެނޭ ފުރަތަމަ ދެ ގުރޫޕް މިހާރު ވަނީ ސައުދީއަށް ގޮސްފަ އެވެ.