ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓަށް ހަމީދާއި ސަލީމް އައްޔަންކުރަން ލަފާ ދީފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި ހައިކޯޓުގެ މިހާރުގެ ފަނޑިޔާރު މުހައްމަދު ސަލީމް އައްޔަންކުރަން ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދެއްވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ތިއްބެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރު ކަމަށް ހުޅުވާލުމުން ޖުމްލަ 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. މި ބޭފުޅުންގެ ތެރެއިން ޖޭއެސްސީ އިން އެންމެ މަތިން މާކްސް ދެއްވާފައިވަނީ ފަނޑިޔާރު ސަލީމާއި އަބްދުﷲ ހަމީދަށެވެ.

ފަނޑިޔާރު ހަމީދު ވަނީ ޑިސެމްބަރު 9، 2007 އިން ފެށިގެން ޖޫން 6، 2022 ވަނަ ދުވަހާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ފުރުއްވާފަ އެވެ. އެކަމަކު ހަމީދަކީ ހައިކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނަވަނިކޮށް ރައްޔިތުންގެ މަޖިލީހުން މަގާމުން ވަކިކުރައްވާފައިވާ ބޭފުޅެކެވެ.

ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައިވާ ސަލީމަކީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ސަލީމް، ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކުރައްވާފައިވަނީ އޮގަސްޓް 9، 2022 ގައެވެ.