އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާއި އުރުގުއޭގެ ކުރީގެ ފޯވާޑް ލުއިސް ސުއަރޭޒް ގުޅިގެން އުރުގުއޭގައި އާ ފުޓްބޯޅަ ކްލަބެއް އުފައްދައިފި އެވެ.
އިންޓަ މިއާމީގެ ކުޅުންތެރިޔާ މެސީ އާއި އޭނާގެ އެކުވެރިޔާ ސުއަރޭޒް ގުޅިގެން އުފައްދާފައިވާ މި ކްލަބުގެ ނަމަކީ ޑިޕޯޓިވޯ އެލްއެސް އެވެ. މި ކްލަބު ވާދަކުރާނީ އުރުގުއޭގެ ހަތަރުވަނަ ޑިވިޝަނުގައެވެ.
ޑިޕޯޓިވޯ އެލްއެސްގެ މަޝްރޫއާ ގުޅޭ ގޮތުން ވާހަކަދައްކަމުން ސުއަރޭޒް ބުނީ މިއީ ވަރަށް އުއްމީދީ މަޝްރޫއެއް ކަމަށެވެ. މެސީ ބުނީ ފުޓްބޯޅައިގެ ދާއިރާގައި އޭނާގެ ގާތް މީހުން ކުރާ ކޮންމެ މަސައްކަތެއްގައި އެހީތެރިވުމަށް ތައްޔާރަށް ހުންނާނެ ކަމަށެވެ.
މި ދެ ކުޅުންތެރިންގެ ގުޅުން ވަރަށް ބަދަހިކަން ފާހަގަކުރެވެ އެވެ. އުމުރުން 38 އަހަރުގެ ސުއަރޭޒް ބާސެލޯނާގައި ހަ ސީޒަން ހޭދަކުރުމަށްފަހު މީގެ ދެ އަހަރު ކުރިން އިންޓަ މިއާމީއަށް ބަދަލުވެފައިވަނީ މެސީގެ އެދުމުގެ މަތިންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މެސީ އާއި ސުއަރޭޒް ވަނީ ޑިޕޯޓިވޯ އެލްއެސްއަށް ކުޑަ ސްޓޭޑިއަމަކާއި ތަމްރީނު މަރުކަޒެއް އެޅުމުގެ މަސައްކަތް ފަށާފަ އެވެ. މި މަސައްކަތްތަކުން ދޭހަވަނީ މި ދެ ކުޅުންތެރިން މި މަޝްރޫއަށް ކުރާ އިންވެސްޓްމަންޓުގެ ބޮޑުކަމެވެ.
މި އާ ކްލަބް އުފެއްދުމާއެކު، އުރުގުއޭގެ ފުޓްބޯޅައަށް އާ ހަލުވިކަމެއް ލިބި ގައުމުގެ ކުޅިވަރުގެ ދާއިރާ އިތުރަށް ކުރިއަރައިގެން ދާނެ ކަމަށް އެ ގައުމުގެ ފުޓުބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު އުއްމީދު ކުރެ އެވެ.