ހަބަރު

ކުރީގެ ރައީސުންގެ އިނާޔަތް ކެނޑޭ ބިލު ބަލައިގަނެ ވަގުތީ ކޮމިޓީއަށް

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކު ކުށެއް ކުރައްވި، އެ ކުށަށް ޖަލުހުކުމް ތަންފީޒުވެއްޖެ ނަމަ އެ ބޭފުޅަކަށް ލިބޭ އިނާޔަތްތައް ކަނޑާލުމުގެ ބިލު ފާސްކޮށް، ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވަން މަޖިލީހުން ނިންމައިފި އެވެ.

ސަރުކާރު ފަރާތުން ދިއްދޫދާއިރާގެ މެމްބަރު އަބްދުލަތީފް މުހައްމަދު ލަތީފް ހުށަހެޅި މި ބިލު މަޖިލީހުން ބަލައިގަތުމަށް 44 މެމްބަރުން ވޯޓުދެއްވި އެވެ. އެހެން ކަމުން މި މައްސަލަ މަޖިލީހުން ބަލައިގަނެ ވަގުތީ ކޮމިޓީއަށް ފޮނުވުމަށް ވޯޓަށް ހުޅުވާލެއްވި އެވެ.

ވަގުތީ ކޮމިޓީއަށް ފޮނުވަން ފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދެއްވި އިރު 15 މެމްބަރުން ވޯޓު ދެއްވީ ވަގުތީ ކޮމިޓީއަށް ނުފޮނުވުމަށެވެ. އަދި ވަކި ގޮތަކަށް ވޯޓު ދޭން ނުފެންނަ އެއް މެމްބަރަކު އިނެވެ. އެގޮތުން މި މައްސަލަ ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއަކަށް ފޮނުވުމަށް ވެސް މިއަދު މަޖިލީހުން ވަނީ ފާސްވެފަ އެވެ.

މިކޮމިޓީގައި ބައިވެރިވާނެ މެމްބަރުންގެ ލިސްޓުގައި ހިމެނެނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު، މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު، މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހުސެއިން، އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް، ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު އެވެ.

ޕީޕީއެމް ފަރާތުން ފޭދޫދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވާ ގެމަނަފުށީ ދާއިރާގެ މެމްބަރުން ތާއީދު ކުރައްވާފައިވާ މި ލިސްޓުގައި އެމްޑީޕީގެ ފަރާތުން މާރިޔާ ހިމެނޭތީ އެޕާޓީ އިން ބުނީ މިމައްސަލަ ދިރާސާ ކުރައްވާ ކޮމިޓީގައި އެމްޑީޕީ ފަރާތުން ބައިވެރި ނުވާން ނިންމަވާފައިވާ ކަމަށާއި އަދި މާރިޔާ ރާއްޖެއިން ބޭރުގައި އުޅުއްވާތީ މާރިޔާގެ ނަން ލިސްޓުން އުނި ކުރަން އެދޭ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް ވިދާޅުވީ ކޮމިޓީގައި ބައިވެރިވާން ބޭނުން ނުވާނަމަ އެކަމަށް އެދެން ޖެހޭނީ އެމެމްބަރަކު އަމިއްލަ ފުޅަށް ކަމަށެވެ.

މަޖިލީހުން ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުވި މި ބިލުގައި ބުނެފައި ވަނީ ކުރިން ރައީސްކަން ކުރައްވާފައި ހުރި މީހެއް ކުށެއް ކުރައްވި ކުށަކަށް ޖަލުހުކުމް ތަންފީޒު ކުރެވިއްޖެ ނަމަ އޭނާ އަށާއި އޭނާގެ އަނބިމީހާއަށް ގާނޫނުގެ ދަށުން ލިބިދޭ ރައްކާތެރިކަމާއި އިނާޔަތްތައް ނުލިބޭނެ ކަމަށެވެ.

މި ބިލަށް ބަހުސް ކުރައްވަމުން ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި ވިލިންގިލީ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ ރައީސްކަން ކުރައްވާފައިވާ ފަރާތަކަށް ދޭން ޖެހޭ އިނާޔަތްތާއި ރައްކާތެރިކަން ލިބެން ޖެހޭނެ ކަމަށެވެ. ނަމަވެސް ގައުމެއްގެ ވެރިކަން ކޮށްފައިވާ ފަރާތެއް މަގާމުން ވަކިވުމަށް ފަހު ޖިނާއީ ކުށަކަށް އަރައިގަނެފައިވާ ނަމަ އިނާޔަތްތަށް ލިބެން ޖެހިގެން ނުވާނެ ކަމަށާއި އެއީ އެފަދަ ފަރާތެއް ޖިނާއީ ކުށަކަށް އަރައި ގަތުމުން އެބޭފުޅުންވެސް ދުރު ކުރުމަށް ކަމަށް ނިހާން ވިދާޅުވި އެވެ.

އެކަމާ ދެކޮޅު ހައްދަވައި ގިނަ އެމްޑީޕީ މެމްބަރުން ވިދާޅުވީ މި ބިލަކީ ސީދާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މަޖިލީހަށް ވެއްދި ބިލެއް ކަމަށާއި ކުރިން ރައީސްކަން ކޮށްފައި ހުރި މީހެއްގެ ކުރި ކުށަކުން އެމީހެއްގެ އަނބިކަނބަލުންގެ ހައްގުތައް ނިގުޅައި ގަތުމަކީ އެއީ އިންސާފެއް ނުން ކަމަށެވެ.