ކްރިސްޓިއާނާ ރޮނާލްޑޯ

ރޮނާލްޑޯ އަލް ނަސްރު ދޫކޮށްލާކަމުގެ އަޑުތައް ގަދަވެއްޖެ

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ އަރަބިއްޔާގެ ފުޓުބޯޅަ ކްލަބް އަލް ނަސްރު ދޫކޮށްލަން ނިންމާފައިވާ ކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

މި އަޑުތައް ފެތުރެން ފެށީ އަލް ނަސްރުގެ މި ސީޒަންގެ އެންމެފަހު މެޗަށްފަހު ރޮނާލްޑޯ އޭނާގެ އަމިއްލަ "އެކްސް" އެކައުންޓުގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

އުމުރުން 40 އަހަރުގެ ޕޯޗުގީޒް ކުޅުންތެރިޔާ އަލް ނަސްރާ ގުޅުނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. އޭނާގެ އެއްބަސްވުން އަންނަ މަހު ހަމަވާއިރު އެ އެއްބަސްވުން އާކުރާނެކަމުގެ އެއްވެސް އަޑެއް އަދި އިވިފައެއް ނުވެ އެވެ.

އަލް ނަސްރުގެ އެންމެ ފަހު މެޗުގައި އަލް ފަތޭހްއާ ދެކޮޅަށް ކުޅެ ރޮނާލްޑޯ ވަނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. މިއީ އޭނާގެ ކްލަބް ކެރިއަރުގައި ޖެހި 800 ވަނަ ލަނޑެވެ. ނަމަވެސް މި މެޗު ނިމުނީ އަލް ނަސްރު 2-3ގެ ނަތީޖާއަކުން ބަލިވެ، އެ ޓީމު ލީގު ތާވަލުގެ ތިންވަނައަށް ވެއްޓިގެންނެވެ.

މެޗަށްފަހު ރޮނާލްޑޯ ކުރި ޕޯސްޓުގައި ބުނެފައިވަނީ އެ މެޗާ ގުޅޭ ބައި ނިމުނީ ކަމަށާއި ނަމަވެސް ކެރިއަރުގެ ވާހަކަ އަދި ލިޔެ ނުނިމޭ ކަމަށެވެ.

ރޮނާލްޑޯގެ މުސްތަގްބަލާ ގުޅޭގޮތުން އިތުރު ސުވާލުތައް އުފެދިފައިވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ފާއިތުވި ހަފްތާގައި ދިން ބަޔާނަކާ ގުޅިގެންނެވެ.

އިންފަންޓީނޯ ވަނީ އަލް ނަސްރު، ކްލަބް ވޯލްޑް ކަޕަށް ކޮލިފައިނުވުމާ ގުޅިގެން ރޮނާލްޑޯ އެހެން ޓީމަކާއެކު އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ކަމަށް ބުނެފަ އެވެ. އަދި ބައެއް ކްލަބްތަކާއެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށްވެސް ބުނެފައިވެ އެވެ.

ކުރިއަށް އޮތް ކްލަބް ވޯލްޑް ކަޕަކީ މި މުބާރާތް ހޫނު މޫސުމުގައި އިންތިޒާމުކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ އާ ފޯމެޓެއްގައި 32 ޓީމު ބައިވެރިވާ ގޮތަށް ބޭއްވޭ ފުރަތަމަ ކްލަބް ވޯލްޑް ކަޕެވެ.

ރޮނާލްޑޯގެ ކެރިއަރުގެ ކުރިމަގާ މެދު އަދި ވެސް ސުވާލު އުފެދިފައިވާއިރު އޭނާ ރަސްމީކޮށް އެއްވެސް ބަޔާނެއް ދީފައެއް ނުވެ އެވެ.