ހުއްދަނެތި ގެއަކަށް ވަދެ ކަރަންޓު ބޯޑަކުން ކޭބަލްތަކެއް ވަގަށް ނަގަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރ. މާކުރަތު، ޗަނބޭލީގެ، އަބްދުﷲ މުފްޝިރު (34އ) އެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ ގޭގެ މީހުން އޭނާ ހުއްޓުވުމުން އޭނާ އެތަނަށް ވަނީ މަސްތުވާތަކެތި ބޭނުންކުރުމަށް ކަމަށާއި ޖީބުގައި މަސްތުވާތަކެތި ހުންނާނެ ކަމަށް ބުނި ކަމަށެވެ. ނަމަވެސް ހާދިސާ ހިނގިތަނަށް ފުލުހުން ދިޔުމުން އޭނާ އެތަނަށް ވަން ސަބަބާމެދު ހަނު ހުރެފައިވާ ކަމަށާއި އޭނާ އަތުން އެއްވެސް މަސްތުވާއެއްޗެއް ފެނިފައިނުވާ ކަމަށެވެ.
ޝަރީއަތުގެ މަޖިލީހުގައި މުފްޝިރު ބުނެފައިވަނީ އޭނާ އެގެއަށް ވަނީ ބޮލަށް އެނބުރުން އަރައިގެން ކަމަށެވެ.