ދިވެހިރާއްޖޭގެ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކަރަންޓުގެ ޚިދުމަތް އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އެއީ އެންމެންވެސް ގަބޫލުކުރާ ހަގީގަތެކެވެ.
ނަމަވެސް، ހިދުމަތް ދިނުމުގައި މި ކުންފުންޏަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓެކްނިކަލް މައްސަލަތަކާ ގުޅިގެން ކަރަންޓު ކެނޑުމުން، އެ މައްސަލަ ހައްލުކުރުމަށް ހޭދަވާ ވަގުތެވެ. މިސާލަކަށް، ރަށެއްގައި އިންޖީނަކަށް މައްސަލައެއް ދިމާވުން ނުވަތަ ނަރެއް ބުރިވުމުން، އެ މައްސަލަ ދެނެގަނެ ހައްލުކުރުމަށް ގިނަ ވަގުތު ހޭދަވެއެވެ.
މި ކަންކަން ވީހާވެސް އަވަހަށް ހައްލުކޮށް، ޚިދުމަތް ފަސޭހަކުރުމަށްޓަކައި ސްޓެލްކޯއިން އަންނަނީ އާ ގޮތްތަކެއް ހޯދަމުންނެވެ. މި ގޮތުން، ސްޓެލްކޯގެ މައި އިމާރާތުގައި މިހާރު ފަރުމާކުރަމުން އަންނަ "ސެންޓްރަލް ސްކާޑާ ސިސްޓަމް" އަކީ މިފަދަ ހުރިހާ މައްސަލަތަކަށް އަވަސް ހައްލެއް ގެނައުމަށް އެހީތެރިވެދޭނެ އަގުހުރި ވަސީލަތެކެވެ. ސެންޓްރަލް ސްކާޑާ އަކީ ސްޓެލްކޯގެ ޚިދުމަތްދޭ 35 ރަށުގެ ކަރަންޓު ޚިދުމަތް، އެއް ވިއުގައަކުން ގުޅާލުމަށް ސްޓެލްކޯއިން ދީފައިވާ ނަމެކެވެ.
ސްޓެލްކޯގެ ރީޖަނަލް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު މުހައްމަދު ޔާސިރު މި ސަރަޙާދާ ވިދާޅުވީ، މި ސިސްޓަމް އަކީ އޭނާގެ ކުންފުނިން މިހާރު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާ މަސައްކަތެކެވެ.
"އަޅުގަނޑުމެން މިހާރު މި ޖެހެނީ ރަށެއްގައި ކަރަންޓަށް ކަމެއް ދިމާވިޔަސް އެ ރަށަކަށް ގުޅައިގެން އެ އެއްޗެހި ބަލައިގެން މޮނިޓާ ކޮށްގެން އެކަން ހައްލު ކުރަން. ވަރަށް ޗެލެންޖިން ކަންކަން ހުރޭ. ކޮވިޑް ތެރޭގައި ހިދުމަތް މެދުކެނޑޭ ހިސާބަށް ވެސް ދިޔަ،" ޔާސިރު ވިދާޅުވި އެވެ.

ރީޖަނަލް ޑިޕާޓްމަންޓަށް ފެންނަ ގޮތަށް މިހާރު ތައްޔާރުކޮށްފައިވާ މި ސިސްޓަމްގެ އެންމެ ބޮޑު ބޭނުމަކީ ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާ ރަށްތަކަކުން ވަގުތުން ވަގުތަށް ހުރިހާ ޑޭޓާއެއްގެ މަޢުލޫމާތު ނެގި މޮނިޓަރކުރެވުމެވެ.
މި ސިސްޓަމްގެ މަސައްކަތް ކުރިއަށް ގެންދަން ރޭވިފައިވަނީ ފިޔަވަހިތަކަކަަކަކަށް ބަހާލައިގެންނެވެ. މިހާރު ކުރަމުން އަންނަ މަސައްކަތަކީ ހުރިހާ ރަށްތަކެއްގެ ލޯޑު ރަށްރަށުގައި ބަހައްޓާފައި ހުރި މީޓަރު ބޯޑުތަކުން ބެލޭނެ ގޮތް ހެދުމެވެ.
ސްޓެލްކޯގެ މި އައު ޓެކްނޮލޮޖީގެ މުހިންމުކަން ފާހަގަކޮށް، މޯލްޑިވްސް އެކްސްޕޯ 2025 ގައި ބައިވެރިވި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިން އެއްވަނަ ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" އަށް ލިބުނެވެ. މިއީ ސްޓެލްކޯގެ މި އިނޮވޭޓިވް ޙައްލަށް ލިބުނު ބޮޑު ހިތްވަރެކެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވުނު ކުޅަގަދަ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއާ އެ އިނާމް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ސްކާޑާ އާ ބެހޭގޮތުން މި ޕްރޮޖެކްޓުގައި އިސްކޮށް އުޅުއްވި ސްޓެލްކޯގެ ހަސަން ފާރިގު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ”ސްކާޑާގެ ސަބަބުން ވަގުތާއި ހޭދަ ކުޑަކުރެވި ހިދުމަތް ހަރުދަނާކުރެވިއްޖެ ކުރިއަށްވުރެ. އަދި މިއީ ދިވެހިންގެ އުފެއްދުމެއް. ސްޓެލްކޯ މުވައްޒަފުންގެ މިންނަތް މަސައްކަތުން ވުޖޫދުކުރީ. އަމަލީ ގޮތުން އެކަމުގައި ބައިވެރިވެވުނު މަސައްކަތެއް ގައުމީ ފެންވަރެއްގައި މިއަދު ވަޒަންކޮށް އެވޯޑެއްވެސް މި ލިބުނީ ޖުމުލަކޮށް މެނޭޖްމެންޓަށާއި ހުރިހާ މުވައްޒަފުންނަށް މިފުރުސަރުގައި ޝުކުރުއަދާކުރަން ބޭނުން.“

ސްޓެލްކޯގެ ރީޖަނަލް ސްކާޑާ ސިސްޓަމަކީ ދިވެހިރާއްޖޭގެ ކަރަންޓުގެ ޚިދުމަތަށް ބޮޑު ބަދަލެއް ގެނެސްދޭނެ އިންޤިލާބީ ނިޒާމެކެވެ. މި ނިޒާމުގެ ސަބަބުން، ކަރަންޓާ ގުޅޭ މައްސަލަތައް އަވަހަށް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު ހޯދުމަށް ހޭދަވާ ވަގުތު މަދުކުރެވޭނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ކަރަންޓު އުފައްދާ މަރުކަޒުތަކުގެ ހާލަތު ވަގުތުން ވަގުތަށް ބެލޭނެއެވެ.
މި ނިޒާމުގެ ސަބަބުން ސްޓެލްކޯއަށް ލިބޭނެ ފައިދާތާތަކުގެ ތެރޭގައި ކަރަންޓު މައްސަލަތައް އަވަހަށް ދެނެގަތުން، މައްސަލަތަކަށް އަވަސް ހައްލު ހޯދުން، ކަރަންޓު، އުފެއްދުމުގެ ޚަރަދު ކުޑަކުރުން، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން، އަދި ކަރަންޓު ބޭކާރުވުން މަދުކުރުން ހިމެނެ އެވެ.
މި ނިޒާމަކީ ހަމައެކަނި ސްޓެލްކޯއަށް ފައިދާވާ ކަމެއް ނޫނެވެ. ހިދުމަށް ހޯދާ ރައްޔިތުންނަށްވެސް މީގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ކުރާނެއެވެ. އޭގެ ތެރޭގައި ކަރަންޓު ކެނޑޭ ވަގުތު މަދުވުން، ކަރަންޓު ޚިދުމަތުގެ އިތުބާރު އިތުރުވުން، ކަރަންޓު ބިލު ކުޑަވުމުގެ ފުރުޞަތު އޮތުން، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަވުން ފަދަ އެތައް ފައިދާއެއް ލިބޭނެއެވެ.
ސްޓެލްކޯގެ ރީޖަނަލް ސްކާޑާ ސިސްޓަމަކީ ދިވެހިރާއްޖޭގެ ކަރަންޓުގެ ޚިދުމަތް ޒަމާނީ ފެންވަރަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ނިޒާމުގެ ސަބަބުން، ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެކަން ކަށަވަރެވެ. މިއީ ޤައުމީ ތަރައްޤީއަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ޝައްކެއްވެސް ނެތެވެ.