ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިންޑިއާ ތިން މީހުންނެވެ. އެއީ ސަހަޔާ އަޖިން ފްރެންޗިސް (27އ) އާއި ކަރުއްޕިއަހް ސުއްބައިއާ (52އ) އާއި ސައުތަރާ ރަޖަން އަނަންޗާ ޕެރުމަލް (49އ) އެވެ.
ފުލުހުން ބުނީ ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މި މަހުގެ 26 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލޭ މަގުމަތިން އެ ތިން މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު ތިން ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 30 ފުޅިއާއި ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ލީޓަރުގެ ތިން ފުޅި އެ މީހުން އަތުން ފެނުނު ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުން ޑީޕޯޓް ކުރުމަށް މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.