ރައީސް އޮފީސް

ޓެރަރިޒަމާ ދެކޮޅަށް ބޭއްވި "އަމާން އައްސޭރި" ނިންމާލައިފި

ރާއްޖޭގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ގައުމީ މުއައްސަސާތަކާ އެކު "އަމާން އައްސޭރި"ގެ ނަމުގައި ކުރިއަށް ގެންދިޔަ ގައުމީ ހަރަކާތް ނިންމާލައިފި އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަން ގުޅިގެން ޓޭބަލްޓޮޕް އެކްސަސައިޒެއްގެ ގޮތުގައި ދެ ދުވަހަށް ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށް ދިޔަ މި ހަރަކާތުގައި ނެޝަނަލް ޓެރަރިޒަމް ރެސްޕޯންސް ޕްލޭން (އެންޓީއާރްޕީ) ޓެސްޓްކޮށްފައިވެ އެވެ.

މި ހަރަކާތަކީ ޓެރަރިޒަމާ ގުޅުންހުރި ކުއްލި ނުރައްކާތަކާ ކުރިމަތިލާން ތައްޔާރުވެވިފައިވާ މިންވަރާއި، އެފަދަ ހާލަތެއްގައި މުއައްސަސާތަކުގެ މެދުގައި އެއްބާރުލުންދެވޭ މިންވަރު ދެނެގަނެ، ގާބިލްކަން ހުރި ނެތް މިންވަރާއި، އެކަންކަން ހަރުދަނާ ކުރަން ނިންމަންޖެހޭ ނިންމުންތައް ދެނެގަތުމަށް ބޭއްވި ހަރަކާތެކެވެ.

އަމާން އައްސޭރި އާއި އެންޓީއާރްޕީގެ އަމާޒަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އަމަލީ ސިފަ ގެނެސް، ގައުމީ ސަލާމަތަށް ސަރުކާރުން ކުރާ މަސައްކަތް ހަރުދަނާކުރުމެވެ.

މި ހަރަކާތުގައި ސަރުކާރުގެ 11 ވުޒާރާއެއް ތަމްސީލުކުރައްވާ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންފައިވެ އެވެ.

މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި އިސްވެރިން ވަނީ އިސްތިރާޖީ ފެންވަރުގެ މަޝްވަރާތައް ކުރައްވައި، އަމަލީ ނަތީޖާ ނެރެވޭ ފަދަ ހުށަހެޅުންތަކެއް ހުށަހަޅުއްވާފަ އެވެ.